ކ. މާލެ
|
7 މާރޗް 2018 | ބުދަ 12:53
ފެރީ އިންޖީނު ހުއްޓިގެން އެހީތެރިކަން ފޯރުކޮށްދެނީ
ފެރީ އިންޖީނު ހުއްޓިގެން އެހީތެރިކަން ފޯރުކޮށްދެނީ
އެމްއެންޑީއެފް
ކަނޑުމަތީގެ ހާދިސާ
ކަނޑުމަތީގައި ދެ ހާދިސާއެއް ހިނގައި، ސިފައިން އެހީތެރިކަން ފޯރުކޮށްދީފި
ފެރީން ޖުމްލަ 18 މީހުން ދަތުރު ކުރި
ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރު ކުރި ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ތިބި
އެއްވެސް މީހަކަށް ގެއްލުމެއް ނުވޭ

ދަތުރު ކުރަމުންދިޔަ ފެރީއެއްގެ އިންޖީނު ހުއްޓުނު ހާދިސާއަކާއި މުދާ ހިފައިގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް ފަރަށް އެރުމުން ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

އެމްއެންޑީއެފުން ބުނީ މާލޭ ދަތުރުކުރި ފެރީއެއްގެ އިންޖީނު ހުއްޓުމާ ގުޅިގެން އެ ފެރީގައި ތިބި މީހުން މާލެ ގެނެސްދިނުމުގައި އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

މިހާދިސާ ހިނގާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު 08:30 ހާއިރުއެވެ. މި ފެރީގައި ބިދޭސީ ހަތަރު އަންހެނަކާއި ދެ ފިރިހެނެއްގެ އިތުރުން 10 ދިވެހިނާ އެކު ދޯނީގެ ދެ ފަޅުވެރިއަކު ދަތުރުކުރި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ޖުމްލަ 18 މީހުން ދަތުރުކުރި މި ފެރީގެ އިންޖީނު ހުއްޓިފައި ވަނީ ކ. އަތޮޅު މާދޫ ފިނޮޅުން ފުރައިގެން މާލެއަށް ދަތުރުކުރަނިކޮށް ކ. އަތޮޅު ވާދޫ ކައިރިންނެވެ. 

މި ފެރީއިން ދަތުރުކުރި މީހުން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗުގައި އަންގާރަ ދުވަހުގެ ހެނދުނު 09:20 ހާއިރު ވަނީ މާލެ ގެނެސްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ.

މިހާދިސާގައި ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

އަންގާރަ ދުވަހު ކަނޑުމަތީގައި ހިނގި އަނެއް ހާދިސާއަކީ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ފަރަށް އަރުމެވެ. އެ ދޯންޏަށް ވެސް އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

ހިލައާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯނި ފަރަށް އަރާފައި 

މާލެއިން ފުރައިގެން، ބ. އަތޮޅުގައި ހަދަމުންދާ ރިސޯޓަކަށް ދަތުރުކުރި މި ދޯނީގައި ދިވެއްސަކާއި ދެ ބިދޭސީން ދަތުރުކުރިއެވެ.

ކ. އަތޮޅު ބޮޑު ހިތި ރިސޯޓް ކައިރީގައި އޮންނަ ފަރަކަށް އެރި މިދޯންޏަކީ "ކީސާ" ނަމަކަށް ކިޔާ 99 ފޫޓުގެ ދޯންޏެކެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މި ދޯނި ފުންކުރުމުގެ މަސައްކަތުގައި ދޯނީގެ ވެރިފަރާތާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިހާދިސާގައި ވެސް ދޯނިން ދަތުރުކުރި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވާ ކަމަށް ސިފައިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް