ކ. މާލެ
|
7 މާރޗް 2018 | ބުދަ 12:23
ސެޓްފިކެޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސެޓްފިކެޓްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕޮލިސް
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯ
ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި ސެޓްފިކެޓްތައް ހަވާލުކޮށްފި
މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމް
ތަމްރީން ކޯސް ނިންމައި 99 ފުލުހަކު ވަނީ ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކޮށްފައި

ޕޮލިސް އެކަޑަމީ އިން ދ. ވާނީގައި ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރު ނިންމައި، ދަސްވެނިންގެ ޝަރަފުގައި ހާއްސަ ރައްމިއްޔާތެއް ބާއްވައިފިއެވެ.

މާރޗް 05 ވަނަ ދުވަހު ދ. ވާނީގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ދަސްވެނިންނަށް ލިޔުން ހަވާލުކޮށްދެއްވީ ޕްރޮސެކިއުޓަރ ޖެނެރަލް އާއިޝަތު ބިޝާމްއެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ ފެބްރުއަރީ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހަކީ 100 ފިރިހެން ބައިވެރިންނާއި 19 އަންހެން ބައިވެރިން ހިމެނޭ ގޮތަށް ޖުމްލަ 119 ބައިވެރިންނާ އެކު ފެށި ކޯހެކެވެ. ތަމްރީން ކޯސް ނިންމައި 99 ފުލުހަކު ވަނީ ރަސްމިއްޔާތުގައި ސެޓްފިކެޓް ހާސިލްކޮށްފައެވެ.

ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ވަނަ ބުރުގެ ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އަދި ކޮމިޝަނަރ އޮފް ޕޮލިސް ދެއްވާ ސްކޮލަޝިޕް އެވޯޑް ހާސިލްކޮށްފައި ވަނީ ޕޮލިސް ކޮންސްޓަބަލް ޢަބްދުލް ސަމީޢު ޢަބްދުލް ޙަމީދެވެ. އިންޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ޕޮލިސް ކޮންސްޓަބަލް މުޙައްމަދު މިފްރާދު ހޮވުނުއިރު އައުޓްޑޯ މާއްދާތަކުން އެއްވަނަ ދަރިވަރަކަށް ހޮވުނީ ޕޮލިސް ކޮންސްޓަބަލް މުޙައްމަދު އަޙްމަދެވެ. ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ 29 ބުރުގެ އެންމެ މޮޅު ސްކޮޑަކަށް ހޮވުނީ ބީފާނު ސްކޮޑެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ ޤައުމެއްގެ ދެމެހެއްޓެނިވި ތަރައްޤީގައި ފުލުހުންގެ ދައުރަކީ ވަރަށް މުހިންމު ދައުރެއް ކަމާށާއި ދެމެހެއްޓެނިވި ތަރައްޤީއަށް ބޭނުންވާ އެންމެ މުހިންމު ކަމަކީ މުޖްތަމައުގެ ހަމަޖެހުން ކަމަށެވެ. އަދި ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދުވަހެއް ދުވަހަކަށް، އާ ގޮތްތައް ހޯދައި މަސައްކަތްތައް ތަރައްޤީކޮށް ޒަމާނީ ކުރުމަކީ މުހިންމު ކަމެއް ކަމަށާއި މާޒީން ފިލާވަޅު ލިބިގަނެ، މުސްތަޤްބަލް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށް، އެކަންކަން އިތުރަށް ރަނގަޅުކުރުމަށް ބިޝާމް ވަނީ އިރުޝާދު ދެއްވާފައެވެ.

 

މީގެ އިތުރުން ބިޝާމް ވަނީ ތަމްރީން ނިންމުމަށް ފަހު މަސައްކަތުގެ މައިދާނަށް އަލަށް ނުކުންނަން ތައްޔާރުވެފައިވާ ފުލުހުން، ކޮށްފައިވާ ފުލުހުންގެ ހުވަޔާ އެއްގޮތަށް ދިވެހިރާއްޖޭގެ ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އިޚްލާސްތެރިކަމާއި އަމާނާތްތެރިކަމާއި ކެރުމާ އެކު ފަސްޖެހުމެއް ނެތި ސާބިތުކަމާ އެކު ފުލުހުންގެ ވާޖިބު އަދާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި، ކޮމިޝަންޑް އޮފިސަރުންނާއި ދ. އަތޮޅުގައި ހުރި މުއައްސަސާތަކުގެ އިސްވެރިންނާއި ޕޮލިސް އެކަޑަމީގެ އިސްވެރިންނާއި 29 ވަނަ ޕޮލިސް ރެކްރޫޓް ޓްރެއިނިންގ ކޯހުގެ ބައިވެރިންނާއި އެ ބައިވެރިންގެ ބެލެނިވެރިންނާއި މުދައްރިބުން މި ރަސްމިއްޔާތުގައި ވަނީ ބައިވެރިވެފައެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް