ކ. މާލެ
|
7 މާރޗް 2018 | ބުދަ 11:27
އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުން
އެއްވުމުގެ ބައިވެރިން ދުރަށް ޖެއްސުމުގައި އެސްއޯ ފުލުހުން
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
40 ފުލުހަކު ހައްޔަރުކުރަން އުޅޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ހައްޔަރުކުރި މީހުންގެ އަދަދެއް ނުބުނި!
އެކަން ދޮގުކުރީ އެ ޚަބަރު ޖެހިތާ ކުޑައިރުކޮޅެއްގެ ތެރޭގައި
ހައްޔަރުކޮށްފައި ތިބި ފުލުހުންގެ އަދަދެއް ވެސް ނުބުނޭ
ދޮގު މައުލޫމާތު ނުފެތުރުމަށް ފުލުހުން ވަނީ އެދިފައި

ސަރުކާރުން އަންގައިގެން ފުލުހުންނަށް ކުރަމުންދާ އަމުރުތަކާ ދެކޮޅު ހަދައި، ޖަދަލު ކުރާ ކަމުގެ ތުހުމަތުގައި 40 ފުލުހަކު ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭ ކަމަށް ބުނި ޚަބަރު ފުލުހުން ދޮގުކޮށްފިއެވެ.

އަށް ފުލުހަކު ހައްޔަރުކޮށް، އިތުރު ފުލުހުންތަކެއް ހައްޔަރު ކުރަން އުޅޭ ޚަބަރު ދޮގުކޮށް، ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއީ ދޮގު ވާހަކަތަކެއް ކަމަށާއި އެފަދަ ދޮގު މައުލޫމާތު ނުފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. 

 

 

ނަމަވެސް މުހުތަބަރު މަސްދަރަކުން ރާއްޖެއެމްވީއަށް ބުނި ގޮތުގައި ހައްޔަރު ކުރަން އުޅޭ ފުލުހުންގެ ތެރޭގައި ފުލުހުންގެ މުއައްސަސާގެ ތެރޭގައި އިދާރީ މަސައްކަތް ކުރާ ބައެއް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި މުޒާހަރާތައް ރޫޅާލުމުގައި އުޅޭ ސްޕެޝަން އޮޕަރޭޝަން (އެސްއޯ)ގެ ފުލުހުންނާއި އޮޕަރޭޝަނަލް ޔުނީފޯމު އެޅި ފުލުހުން ވެސް ހިމެނެއެވެ.

ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް އެއްބަސްވި ފުލުހުންނާއި އެ އަމުރު ތަންފީޒު ކުރުމަށް އިތުރު ފުލުހުންތަކެއް ވަޒީފާއަށް ނެރުމަށް އެންގި އިސް ފުލުހުންނާ މެދު ބައެއް ފިޔަވަޅުތައް މިހާރު ވަނީ އަޅާފައެވެ. އެގޮތުން ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށް، ހައްޔަރުކުރަން އުޅޭކަން ވެސް ރާއްޖެޓީވީއަށް ވަނީ އެނގިފައެވެ. މިހާތަނަށް ހައްޔަރުކޮށްފައިވާ ފުލުހުންގެ އަދަދު އަށަކަށް އަރައެވެ.

ފުލުހުންގެ އިސް އޮފިސަރުންގެ އަމުރަށް ފެބްރުއަރީ 1 ގައި ކިޔަމަންވި ބައެއް ފުލުހުން މިހާރު ވަނީ އަތޮޅު ތެރޭގެ ޕޮލިސް ސްޓޭޝަންތަކަށް ބަދަލުކޮށްފަ އެވެ. ބަދަލު ކުރި ފުލުހުންގެ ތެރޭގައި ގިނަ އަދަދަކަށް އެސްއޯ ފުލުހުން ހިމެނެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި މުޒާހަރާތައް ރޫޅާލުމުގައި އެސްއޯ ފުލުހުން ނެރުމުގެ ބަދަލުގައި އޮޕަރޭޝަނަލް ޔުނީފޯމް އެޅި ފުލުހުން ދަނީ ތަމްރީނު ކުރަމުންނެވެ. އެސްއޯ ފުލުހުންނާ މެދު ސަރުކާރުގެ އިތުބާރު ކުޑަވެ، އެ ޕްލެޓޫންނުން ގިނަ އަދަދެއްގެ ފުލުހުން އެކަހެރިކޮށް، އާ ބަޔަކު ވަނީ ވައްދާފައެވެ. އާ ފުލުހުންތަކެއް، އެސްއޯއަށް ވެއްދީ ކުރު މުއްދަތެއްގެ ތަމްރީނުތަކަކަށް ފަހުއެވެ.

އެ ޚަބަރު ފުލުހުން ދޮގު ކުރި ނަމަވެސް މިހާތަނަށް ފުލުހުން ހައްޔަރުކުރީ ކިތައް ފުލުހުން ކަމެއް ހާމަކޮށްފައެއް ނުވެއެވެ. އަދި އެ މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ވެސް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް