ކ. މާލެ
|
7 މާރޗް 2018 | ބުދަ 11:38
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާކުރާ މާލަން
ގޫގުލް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް: މިއަދުގެ ޖަލްސާ ދެމިނެޓް ވެސް ނުވެނީސް ނިންމާލައިފި
ޖަލްސާގައި އޮތީ ދެ ބިލެއް މަޖިލީހަށް ތައާރަފް ކުރުން
ފަނޑިޔާރުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހު
އެންޓި-ޑިފެކްޝަން ބިލް

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާ ދެ މިނެޓެއްހާއިރު ވެސް ނުވެ، ނިންމާލައިފިއެވެ.

ބުދަ ދުވަހުގެ ޖަލްސާގެ އެޖެންޑާގައި އޮތީ މަޖިލީހަށް ތައާރަފް ކުރަންޖެހޭ ދެ ބިލެއްގެ ފިރަތަމަ ކިޔުން އިއްވުމެވެ. އެއީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަޙީމް އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހަޅުއްވާފައިވާ، އެންޓި -ޑިފެކްޝަން ބިލުގެ ފުރަތަމަ ކިޔުން އިއްވުމެވެ.

ފަނޑިޔާރުންގެ ގާނޫނަށް ގެނެވޭ އިސްލާހްތަކުގެ ތެރޭގައި އެ ގާނޫނުގެ 15 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަންބަރުގެ ފަހަތަށް ނަންބަރެއް އިތުރުކުރުން ހިމެނެއެވެ. އެ މާއްދާއަކީ ފަނޑިޔާރުންގައި ހުރުން ލާޒިމް ޝަރުތުތައް ބަޔާންކުރާ މާއްދާއެވެ. ނަމަވެސް އެގެންނަ އިސްލާހުގެ ތަފްސީލް އަދިވަނީ ލިބޭ ގޮތް ނުވެފައެވެ. 

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ގެންނަ އިސްލާހުތަކުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާ ގުޅޭ ގޮތުން މިހާރުގެ ގާނޫނުގައި ކަނޑައަޅާފައި ހުރި ބައެއް އުސޫލުތަކަށް ބަދަލު ގެނައުން ހިމެނެއެވެ.

އެގޮތުން ޖިނާއީ ކުށެއް ސާބިތުވެއްޖެ ނަމަ އެ މައްސަލަތަކުގެ އިސްތިއުނާފް މަރުހަލާ ވެސް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ބިލުގައި ހިމެނޭ ކަމަށްވެއެވެ. 

ސަރުކާރުން ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި މިވަނީ ސުޕްރީމް ކޯޓުން މިދިޔަ މަހު 1 ގައި ނެރުނު އަމުރު ތަންފީޒް ނުކޮށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއި އެކޯޓުގެ އެހެން ފަނޑިޔާރަކު ގަދަކަމުން ހައްޔަރުކޮށް ބޮޑެތި ޖިނާއީ ތުހުމަތުތަކެއް ކޮށްފައިވާ ދަނޑިވަޅެއްގައެވެ.

އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގައި ހިންގަމުންދާ މަލްޓި-ޕާޓީ ސިސްޓަމްގެ ދަށުން ވަކި ސިޔާސީ ޕާޓީއެއްގެ ޓިކެޓްގައި ވާދަކޮށްގެން ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އެ އިންތިހާބުވި ދައުރުގެ ތެރޭގައި، އިންތިހާބުވި ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފި ނަމަ، ނުވަތަ އަމިއްލައަށް ވަކިވެއްޖެ ނަމަ، ނުވަތަ އެހެން ޕާޓީއެއްގެ މެމްބަރަކަށް ވެއްޖެ ނަމަ، އެފަދަ މެމްބަރެއްގެ ގޮނޑި ގެއްލޭނެކަން ކަނޑައެޅުމާ އެކު، އެފަދައިން ގޮނޑި ގެއްލޭ ހާލަތްތަކުގައި ބައިލެކްޝަން ބޭއްވުމާ ގުޅޭ އުސޫލުތަކާއި އިޖުރާއާތުތައް ބަޔާން ކުރާ ގާނޫނެކެވެ. 

ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ވަކިކޮށްފި ނަމަ، އެ މެމްބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ސުޕްރީމް ކޯޓަށް މައްސަލައެއް ވެސް ހުށަހަޅުއްވާފައެވެ. އެމައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ މިފަދަ ހާލަތެއްގައި މެމްބަރެއްގެ ގޮނޑި ގެއްލިއްޖެކަން ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދީފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ފްލޯ ކްރޮސިންގ ގާނޫނެއް ހަދަންޖެހޭ ކަމަށް ވެސް ބުނެފައި ވެއެވެ. 

ސުޕްރީމް ކޯޓުގެ މި ހުކުމާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން ވަނީ ސަރުކާރަށް ނިސްބަތްވާ 12 މެމްބަރަކު ޕީޕީއެމުން ވަކިވުމުން އެ މެމްބަރުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައެވެ. ނަމަވެސް އެ 12 މެމްބަރުން ޕީޕީއެމުން ވަކިވެފައި ވަނީ ސުޕްރީމް ކޯޓުގެ އެ ހުކުމުގެ ކުރިންނެވެ.

މީގެ އިތުރުން ސުޕްރީމް ކޯޓުން 1 ފެބްރުއަރީގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ އެކު އެ ކޯޓުގެ ފަނޑިޔާރުންގެ ފުލް ބެންޗުން ވަނީ އެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި އެ މެމްބަރުންގެ ގާނޫނީ ޒިންމާ އަދާކުރުމަށް އެއްވެސް ފަރާތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށް އަމުރުކޮށްފައެވެ. އަދި ރައްޔިތުންގެ މަޖިލީހުން ހަދަންޖެހޭ ފްލޯ ކޮރޮސިންގ ގާނޫނު ހަދާފައިނުވާތީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިބި އެއްވެސް މެމްބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވެއެވެ.

ނަމަވެސް 5 ފެބްރުއަރީގައި ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު އާއި އެކޯޓުގެ ފަނޑިޔާރު އަލީ ހަމީދު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހައްޔަރު ކޮށްފައެވެ. އޭގެ ފަހުން ސުޕްރީމް ކޯޓުން ގިނަ އަމުރުތަކެއް ނެރެފައިވާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އަނެއްކާ ވެސް 12 މެމްބަރުން ގޮނޑިއާ މެދު ސުވާލު އުފެދޭ ގޮތަށް ސުޕްރީމް ކޯޓުގެ ދެން ތިއްބެވި ތިން ފަނޑިޔާރުންގެ ބެންޗުން ވަގުތީ އަމުރެއް ނެރެފައިވެއެވެ. 

އެ 12 މެމްބަރުންނަށް މަޖިލީހަށް ވަޑައިގެންނެވުމުގެ ފުރުސަތު ދައުލަތުގެ ސަލާމަތީ ހިދްމަތްތަކުން ދީފައެއް ނުވެއެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މެމްބަރުންނަށް މަޖިލީހުގެ އިދާރާގެ ތެރެއިން ސިފައިން ހުރަސް އަޅަމުންދާއިރު މަގުމަތިން ފުލުހުން ދަނީ އެ މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސް އަޅަމުންނެވެ. 

ބުދަ ދުވަހުގެ ޖަލްސާގައި އެ ދެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު، މަޖިލީހުގެ ޖަލްސާ ވަނީ ނިންމާލާފައެވެ. މީގެ ކުރިން ސަރުކާރުން ނުވަތަ ސަރުކާރަށް ނިސްބަތްވާ މެމްބަރުން ހުށަހަޅާ މިފދަ ބިލްތައް، މަޖިލީހުގެ ރައީސަށް ލިބޭ އިހުތިޔާރުގެ ދަށުން އެ ބިލްގެ ފުރަތަމަ ކިޔުން އިއްވުމަށް ފަހު ހަމައެޖަލްސާގައި އެބިލަށް ބަހުސް ކުރަން މަޖިލީހުގެ މެމްބަރުންނަށް ފެންނަ ނަމަ ބަހުސް ކޮށް، މަޖިލީހުން އެބިލް ބަލައިގަތުމަށް ފެނޭތޯ ވޯޓަށް ވެސް އަހާފައި ވެއެވެ. އަދި އެބިލް މަޖިލީހަށް ބަލައިގަންނަން ފާސްވެއްޖެ ނަމަ އެ ބިލް އިތުރަށް ދިރާސާ ކުރުމަށް މަޖިލީހުގެ ކަމާބެހޭ ކޮމެޓީއަށް ފޮނުވައެެވެ. ނަމަވެސް މިއަދުގެ ޖަލްސާގައި ދެ މިނިޓެއްހާއިރުގެ ތެރޭގައި ރައީސް ވަނީ ބިލު ތައާރަފްކުރިކަން އިއުލާނުކުރެއްވުމަށް ފަހު ޖަލްސާ ނިންމަވާލައްވައި ވަޑައިގެންފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް