ކ. މާލެ
|
7 މާރޗް 2018 | ބުދަ 10:37
ރާއްޖެއާ ގުޅޭ މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވި މެންބަރު ހޫގޯ ސްވަޔަރ
ރާއްޖެއާ ގުޅޭ މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވި މެންބަރު ހޫގޯ ސްވަޔަރ
ގޫގުލް
ކުއްލި ނުރައްކަލުގެ ހާލަތު
ދިވެހި ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގެރޭސިވިލާތުގެ ޤާނޫނުހަދާ މަޖިލީހުގައި ގޮވާލައިފި
ޖުމްލަ ހަތް ކަމެއް ހުށަހަޅުއްވާފައިވޭ
ރައީސް ޔާމީންގެ ގާތް ފަރާތްތަކުގެ ރިޒޯޓްތައް ބޮއިކޮޓް ކުރުން ހިމެނޭ
އިނގިރޭސި ސަރުކާރުން ވަނީ ހުށަހެޅުންތައް ބަލައިގެންފައި

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ސަރުކާރުގެ އިސް މަޤާމުތަކުގައި ތިބި ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އިނގިރޭސިވިލާތުގެ ސަރުކާރަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގައި ގޮވާލައިފިއެވެ.

މި މައްސަލަ އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފައި ވަނީ އެޤައުމުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެންޑް ކޮމަންވެލްތު އެފެއާޒްގެ މަޤާމު ކުރިން އަދާކުރައްވާފައިވާ، އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ހޫގޯ ސްވަޔަރއެވެ.

ރާއްޖޭގެ މިވަގުތުގެ ހާލަތާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމަށް ފަހު ސްވަޔަރ ވަނީ އިނގިރޭސި ސަރުކާރަށް ހަތް ކަމެއް ހުށަހަޅުއްވާފައެވެ.

ސްވަޔަރ ހުށަހެޅުއްވި ކަންކަމުގެ ތެރޭގައި ހިމެނެނީ؛

  • ސިޔާސީ ހައްޔަރީން މިނިވަން ކުރުމާއި، ބަންދުގައި ތިބި ފަރާތްތަކަށް ޤާނޫނީ އެހީ ލިބިގަތުމުގެ ފުރުޞަތު ދިނުމަށް ދިވެހި ސަރުކާރަށް ގޮވާލުން
  • ކޯފީ އަނާން ފަދަ ބޭފުޅަކު އިސްކޮށް ހުންނަވައިގެން އދ. ގެ ވަފުދެއް ރާއްޖެއަށް ޒިޔާތްކޮށް، ރާއްޖޭގެ ހާލަތު ގާތުން ބެލުން
  • މި އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބަކީ މިނިވަން، އިންސާފުވެރި އިންތިޚާބަކަށް ހެދުމުގެ ގޮތުން، އެ އިންތިޚާބަކީ ބައިނަލްއަޤުވަމީ ފަރާތެއްގެ ބެލުމުގެދަށުން ކުރިއަށްގެންދާ އިންތިޚާބަކަށް ހެދުމަށް ރާއްޖެއަށް އިނގިރޭސިވިލާތުން ގޮވާލުން
  • ޖުޑީޝަރީ ރިފޯމް ކުރުމަށް އިނގިރޭސިވިލާތުން އެހީވެދިނުން
  • ވިސްނުން އެއްގޮތް އެހެން ޤައުމުތަކާ ގުޅިގެން ރާއްޖޭގައި ދީނީ ގޮތުން ހައްދު ފަހަނައަޅައިދިނުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް އެހީވުން
  • ރައީސް ޔާމީންގެ އަރިސް ފަރާތްތަކާ ގުޅުން އޮންނަ ރިސޯޓްތަކުގެ ލިސްޓެއް ހޯދައި، އެ ލިސްޓް އާންމުކޮށް، އެތަންތަން ބޮއިކޮޓް ކުރުމަށް، ކޮމަންވެލްތުގެ ހެޑްސް އޮފް ގަވަރމަންޓްސް ބައްދަލުވުމަށް ހުށަހެޅުން
  • 1 ފެބްރުއަރީ ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށްފި ނަމަ، ސަރުކާރުގެ އިސް ފަރާތްތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށާއި، އެކަމަށް އަމަލުކުރާނެ ޕްލޭނެއް އިނގިރޭސިވިލާތުން އެކުލަވާލުން

ސްވަޔަރގެ މި ހުށަހެޅުންތަކާ ގުޅިގެން، އިނގިރޭސި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވަމުން އިނގިރޭސި ސަރުކާރުގެ މިނިސްޓަރ އޮފް ސްޓޭޓް ފޯ އޭޝިއާ އެންޑް ޕެސިފިކް، މާކް ފީލްޑް ވަނީ ސްވަޔަރގެ ހުށަހެޅުއްވުންތައް އިނގެރޭސި ސަރުކާރުން ބަލައިގަންނަ ކަމަށާއި، އެކަންކަމަށް އަމަލުކުރުމަށް ކުރަންޖެހޭ ކަންކަން ކުރަމުންގެންދަވާނެ ކަމަށް ވިދާޅުވެފައެވެ.

ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މާކް ފީލްޑް ވަނީ ރާއްޖޭގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ރައީސް ޔާމީންގެ ސަރުކާރުން މިހާރު ކަން ކުރަމުން ގެންދަވާ ގޮތް ކުށްވެރި ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް