ކ. މާލެ
|
7 މާރޗް 2018 | ބުދަ 07:10
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ވައްޑެ
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު ވައްޑެ
ރާއްޖެއެމްވީ
ބޮޑު ސުވާލު ޕްރޮގްރާމް
ސުވާލަކީ ރައީސް ޔާމީން ފިއްލަވާނީތޯ، ހައްޔަރުވާނީތޯ: ވައްޑެ
ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނީ ގަދަކަމުން
ވަކި ހިސާބަކުން ޖެހިވަޑައިގަންނަވާނީ އެކަން ދޫކުރައްވަން
އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ އޮޅުވާލަން

ރައީސް ޔާމީނަށް ވެރިކަމުގައި ދެމި ނުހުރެވޭނެ ކަމަށާއި، އެމަނިކުފާނަށް ވެރިކަމުގައި ހުރެވޭނެތޯ އެހުމުގެ ބަދަލުގައި ކުރަން ޖެހޭ ސުވާލަކީ ރައީސް ޔާމީން ފިއްލަވަނީތޯ ނުވަތަ ހައްޔަރުކުރާނީތޯ ކަމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިދިކޮޅު މައި ޕާޓީގެ ޤައުމީ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު ވަހީދު ވިދާޅުވީ ރައީސް ޔާމީން ވެރިކަމުގައި ހުންނަވަނީ ގަދަކަމުން ކަމަށާއި، އެހެން ނަމަވެސް ވަކި ހިސާބަކުން ޖެހިވަޑައިގަންނަވާނީ އެކަން ދޫކުރައްވަން ކަމަށެވެ.

ވަހީދު ވިދާޅުވީ 2018ގެ ކެމްޕޭނޭ ކިޔައި ޕީޕީއެމް އިން ޙަރަކާތްތަކެއް ހިންގި ނަމަވެސް، ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ބައިވެރިވެވަޑައިގަންނަވަން ކެރިވަޑައި ނުގަންނަވާނެ ކަމަށެވެ. ވަހީދު ވިދާޅުވީ 200 އެއްހާ ރަށް ރާއްޖޭގައި އޮތް އިރު، ކެމްޕޭނެއް ކުރެވޭނީ އެ ރަށްތަކަށް ޒިޔާރަތްކޮށް، އެރަށްތަކުގައި ކެމްޕޭނުގައި ބަޔަކު އުޅެ، ނެޓްވޯކްތަކެއް އަޅައިގެން ކަމަށާއި، އެކަން ރައީސް ޔާމީނަށް ނުކުރެއްވޭނެ ކަމަށެވެ. އަދި މިހާރު ވެސް ރަށަކަށް ވަޑައިގަތުމުގެ މާކުރިން ފުލުހުންނާއި ސިފައިން ފޮނުވައިގެން ދޭތެރެއަކުން ރަށަކަށް ވަޑައިގަތަސް، މިހާރު އެއުޅުއްވާ ގޮތަށް އުޅުއްވައިގެން ރަށްރަށަށް ރައިސް ޔާމީން ކެމްޕޭނަށް ވަޑައިގަންނަވާނެ ފަދަ މާހައުލެއް ރާއްޖޭގައި ނެތް ކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު ވިދާޅުވީ 2018 ގެ އިންތިޚާބުގައި ވާދަކުރައްވާނެ ކަމަށް ރައީސް ޔާމީން އެވިދާޅުވަނީ ކައިރީގައި ތިއްބެވި މަދު ބަޔަކަށް އޮޅުވާލައްވަން ކަމަށެވެ. އަދި "އެބޭފުޅާ އިންތިޚާބަށް ކުރިމަތިނުލައްވާނެ ކަމަށާއި، އަމިއްލައަށް އިސްތިއުފާ ދެއްވާނެ ކަމަށާއި، ނުވަތަ ދަމުން ދަމުން ގޮސް ކަމާ ބެހޭ ފަރާތްތަކުން އެމަނިކުފާނު ހައްޔަރުކުރާނެ" ކަމަށް ވަހީދު ވިދާޅުވިއެވެ.

"އަޅުގަނޑު ދަންނަވާނީ މުޅި ރާއްޖޭގައި މި މަޝްހޫރުވެފައި އޮންނަހެން އެބޭފުޅާ މިދައުލަތުން އެކުރައްވާ ކަންކަން، އެބޭފުޅާ ހިތްފުރޭ ވަރަށް ކުރައްވަން ވަގުތު ހޯއްދަވަން ވެގެން ހަމައެކަނި މަސައްކަތް ކުރައްވަނިއޭ މިހާރު. އެކަން ކުރައްވައިގެން ފިއްލެވުން. އެބޭފުޅާގެ އަރިހުގައި ހުރި މީހަކާ މެދު ވެސް ވިސްނައެއް ނުލާނެ. ހަމައެކަނި އެބޭފުޅާގެ ޖާނައިގެން ސަލާމަތްވޭތޯ ބައްލަވާނީ،" ވަހީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް