ކ. މާލެ
|
7 މާރޗް 2018 | ބުދަ 07:06
އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަހުމަދު އަބްދުﷲ
އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަހުމަދު އަބްދުﷲ
ރާއްޖެ އެމްވީ
ބޮޑު ސުވާލު ޕްރޮގްރާމް
ޤާނޫނުގެ ހަމައިގެ ތެރެއިން ވެރިކަން ނިމިގެންދާނެ: އަހުމަދު އަބްދުﷲ
އަނިޔާވެރިވާ ފަރާތްތަކާ މެދު އިންސާފު ޤާއިމްކުރެވޭ ދުވަސް ދާދި އަވަހަށް އަންނާނެ
ރައްޔިތުންނަށް އޮތީ ހިތްވަރެއް ކޮށްލުން
ޤާނޫނާ ޚިލާފަށް ކަންތައްކުރާ ފުލުހުންނާ ދެން އަރާ ހަމަކުރަނީ ކޮންކަމެއްކަން ވިސްނަން ޖެހޭ

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ޤާނޫނު ދަންނަ ހަމައިގެ ތެރެއިން ނިމިގެންދާނެ ކަމަށް އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެމްޑީޕީގެ ޗެއަރޕަރސަންގެ ނައިބު އަހުމަދު އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާފައިވާ އަހުމަދު އަބްދުﷲ ރާއްޖެ ޓީވީގެ 'ބޮޑު ސުވާލު' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ޤާނޫނުއަސާސީ ބުނާ ގޮތުން ހަޤީޤީ ވެރިންނަކީ ރައްޔިތުން ކަމަށެވެ. އަދި މިއަދުގެ ސަރުކާރުގައި އަނިޔާވެރިވާ ފަރާތްތަކާ މެދު އިންސާފު ޤާއިމްކުރެވޭ ދުވަސް ދާދި އަވަހަށް އަންނާނެ ކަމަށާއި، އެކަމަށް ޝައްކެއް ނުކުރައްވާ ކަމަށް ވެސް އަހުމަދު ވިދާޅުވިއެވެ.

"ރައްޔިތުންނަށް އޮތީ ހިތްވަރެއް ކޮށްލުން. ފުލުހުންނާއި ސިފައިންނަށް އޮތީ ޤާނޫން އަސާސީ އާއި ޤާނޫނުތަކަށް ތަބާވެލުން. ޤާނޫނީ އިމުން އެބޭފުޅުންގެ ހުވާގެ މަތީގައި މަސައްކަތްކުރައްވައި، އެބޭފުޅުންގެ ހުވަޔާއި އެއްގޮތަށް އަމަލުތައް ބެހެއްޓެވުން. މިއަދު ލިބޭ ވަގުތީ މަންފާއަކަށްޓަކައި ޤައުމުގެ މަސްލަހަތާއި އެބޭފުޅުންގެ މުޅި އާއިލާ އާއި އަންނަން އޮތް ޖީލުތަކުގެ ހައްޤުތައް ދުއްވާ ނުލެއްވުން،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އަނިޔާވެރިންގެ ވެރިކަން ނިމިގެންދާނެ ކަމަށެވެ.

އަހުމަދު ވަނީ ރޭގެ ޕްރޮގްރާމްގައި، ޤާނޫނުގެ އިމުގެ ތެރޭގައި މަސައްކަތްކުރެއްވުމަށް ފުލުހުންނާއި ސިފައިންނަށް ގޮވާލައްވާފައެވެ. އަދި ސަރުކާރުން ބޭނުންވާ ގޮތަށް ޤާނޫނާ ޚިލާފަށް ކަންތައްކޮށްދޭ ފުލުހުންނާއި ދެން އަރާ އެހަމަކުރަނީ ކޮން ކަމެއް ކަން މިއަދު ހުރިހާ ފުލުހުން ވެސް ވިސްނަން ޖެހޭ ކަމަށް އަހުމަދު ވިދާޅުވިއެވެ.

"އެބޭފުޅުންނާ އަރާ ހަމަކުރަނީ ގޮޅި. އެބޭފުޅުންނާއި އަރާ ހަމަކުރަނީ ތޭރިތަކުގެ ބިތްދޮށް. އެހެންވީމާ މިއަދަކު އެބޭފުޅުންނަކަށްވެސް ނެތޭ ރައްކާތެރިކަމެއް. އެބޭފުޅުންނަށްވެސް ރައްކާތެރިކަން އޮތީ އަޅުގަނޑުމެންގެ މިދިވެހިރައްޖޭގެ ރައީސެކޭ ކިޔާފައި މިހުންނެވި ޔާމިން އަބްދުލްޤައްޔޫމް ކިޔާ ބޭފުޅެއްގެ ޣައިރު ޤާނޫނީ އަމުރު، އެބޭފުޅުންގެ ވެރިން ލައްވާ އެހިންގަވާ އަމުރަށް ބޯލަނބާ ނުލުން،" އަހުމަދު ވިދާޅުވިއެވެ.

އަހުމަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ފުލުހުންނާއި ސިފައިންނާ މެދު ނުރުހިގެން ނޫޅޭ ކަމަށާއި، އެބޭފުޅުންނާއި ސަލާމަތީ ޚިދުމަތްތަކާ ދެމެދު މައްސަލައެއް ނެތް ކަމަށެވެ. އަދި އެބޭފުޅުންނަށް މައްސަލައަކަށް ވަނީ ރާއްޖޭގެ ޤާނޫނު އަސާސީ ފުނޑިގެންދާތީ ކަމަށާއި ޤާނޫނު އަސާސީއަށް ބޯނުލަނބާ ބަޔަކު ވެރިކަމުގައި ތިބެ، ޤާނޫނު އަސާސީ އިން ލިބިދޭ ހައްޤުތައް ރައްޔިތުންނަށް ލިބިނުދޭތީ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް