ކ. މާލެ
|
7 މާރޗް 2018 | ބުދަ 01:13
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު
މޯލްޑިވްސް ޕޮލިސް ސާރވިސް
ސީޕީ އަރީފު
ގާނޫނު ނެގެހެއްޓުމަށް ކުރީގެ ސީޕީ އަރީފް ގޮވާލައްވައިފި
އަރީފްގެ ހާލުކޮޅު ރަނގަޅު
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތަށް އަރީފް ވަނީ އިންކާރުކުރައްވާފައި
ހައްޔަރުކުރީ އޭނާ ދިރިއުޅުއްވާ ގެއިން

ގާނޫނު ނެގެހެއްޓުމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފު ގޮވާލައްވައިފިއެވެ.

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި އަންގާރަ ދުވަހު އަރީފް ހައްޔަރުކުރުމުން އަރީފްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ އަންގާރަ ދުވަހުގެ ރޭ އޭނާ އާއި ބައްދަލުކޮށްފައެވެ. ގާނޫނު ނެގެހެއްޓުމަށް އަރީގް ގޮވާލާއްވީ އަރީފްގެ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތު މެދުވެރިކޮށެވެ.

އަންގާރަ ދުވަހުގެ ރޭ ރިއްފަތު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެރިކަން ވައްޓާލަން އުޅުނުކަމަށް އަރީފްގެ މައްޗަށް ކުރާ ތުހުމަތަށް އޭނާ އިންކާރު ކުރައްވާކަމަށެވެ. އަދި އަރީފް ހުންނެވީ ހެޔޮހާލުގައި ކަމަށާއި އެންމެންވެސް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތަކުގެ ބޭނުން ހިފައި، ގާނޫނު ނެގެހެއްޓުމަށް އެދިވަޑައިގެންނެވިކަމަށް ރިއްފަތުގެ ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އަރީފް ހައްޔަރުކޮށްފައިވަނީ އޭނާ ދިރިއުޅުއްވާ މ. ސްނޯރޯޒް އަށް ފުލުހުން ވަދެ، އެގެ ބަލައި ފާސްކުރުމަށް ފަހުގައެވެ. ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުގެ މަސައްކަތް ފަށާފައިވަނިކޮށް ރައީސް ޔާމީން ވަނީ އަރީފް އެމަޤާމުން ވަކިކޮށްފައެވެ.

އޭނާ މަޤާމުން ވަކިކޮށްފައިވަނީ 5 ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރަން ރައީސް ޔާމީން ގުޅުއްވުމުން، އަރީފް ފޯނަށް ޖަވާބު ނުދެއްވުމުން ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވި އެވެ. ނަމަވެސް އަރީފް ވިދާޅުވީ އޭނާ މަގާމުން ވަކިކުރީ ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމް ތަންފީޒުކުރަން މަސައްކަތް ކުރުމުންނެވެ.

އޭގެ ފަހުން މިދިޔަ މަހުގެ 2 ވަނަ ދުވަހު ވަނީ އަރީފްގެ ޕާސްޕޯޓްވެސް ހިފަހައްޓާފައެވެ. ސަރުކާރުން ދަނީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒް ކުރުމަށް މަސައްކަތް ކުރި ޓީމުގައި ހިމެނޭ ފުލުހުން ހައްޔަރު ކުރަމުންނެވެ. އެގޮތުން ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސްގެ ކުރީގެ ކޮމާންޑަރާއި، ސްވޮޓްގެ ކުރީގެ ކޮމާންޑަރުގެ އިތުރުން ސްޕެޝަލް އޮޕަރޭޝަންސް ގިނަ ފުލުހުންތަކެއް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
- ކޮމެންޓް