ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 18:32
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ހަމަ ޖައްސާފައިވާ ޝަރީފު
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމަށް ހަމަ ޖައްސާފައިވާ ޝަރީފު
މުހައްމަދު ޝަރުހާން
އިލެކްޝަން ކޮމިޝަން
ޝަރީފް ޕީޕީއެމްގެ ބައެއް މެމްބަރުން ގާތު ވިދާޅުވީ އޭނާ އީސީއަށް ގެނައުމަކީ ރައީސް ޔާމިން ގެނައުން ކަމަށް!
ޝަރީފު އެހެން ވިދާޅުވި ކަމަށް ބުނަނީ ޕީޕީއެމް މެމްބަރުން
ޝަރީފު މިނިވަންވާނެ ކަމަށް އިދިކޮޅުން ގަބޫލެއް ނުކުރޭ
ޝަރީފު ވަނީ ޕީޕީއެމްގެ ޖަލްސާތަކުގައި އިސްކޮށް އުޅުއްވާފައި

ޝަރީފް އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަކީ ހަމަ ރައީސް އަބްދުﷲ ޔާމިން އެ ކޮމިޝަނަށް އައްޔަން ކުރުން ކަމަށް އޭނާ އަމިއްލަފުޅަށް ޕީޕީއެމްގެ ބައެއް މެމްބަރުން ގާތު ވިދާޅުވި ކަމަށް ބައެއް މެމްބަރުންނާ ހަވާލާދީ ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވެއްޖެ އެވެ.

ގުޅިފައިވާ އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފަރާތުން އަންގާރަ ދުވަހުގެ ހަވީރު މ.ކުނޫޒު ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުވައްމުލަކު އުތުރު ދާއިރާގެ މަޖިލީހުގެ މެންބަރު އަލީ ޝާހު ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ހަމަ ޖެއްސެވި އަހުމަދު ޝަރީފަކީ ސިޔާސީ މީހެއް ކަމަށާއި އޭނާ މިނިވަންވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

ޝާހު ވިދާޅުވީ ޝަރީފުގެ ފެންވަރާމެދު ސުވާލު ނުއުފައްދާ ކަމަށާއި އެހެން ނަމަވެސް ޝަރީފުގެ މިނިވަން ކަމާމެދު ސުވާލު އުފައްދާ ކަމަށެވެ.

ރައީސް އަބްދުﷲ ޔާމިނަށް ދެން އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދޭން އިއްޔެއާ ޖެހެންދެން މަސައްކަތް ކުރެއްވި ބޭފުޅަކު މިނިވަންވާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޝާހު ވިދާޅުވިއެވެ.

"ވަކި ސިޔާސީ ޕާޓީއެއްގެ ޕޯޓިއަމްއެއްގައި، ވަކި ސިޔާސީ ޕާޓީއެއްގެ ކެމްޕެއިން ފަހަތުގައި އިއްޔެއާ ޖެހެންދެން، އިއްޔެއޭ އަޅުގަނޑު މި ދެންނެވީ މީގެ ކުޑަ ދުވަސްކޮޅަކާ ޖެހެންދެން، ހެސްކިޔާފައި ކެމްޕެއިން ކުރެއްވި ބޭފުޅެއް( ޝަރީފްއަކީ،)" ޝާހް ވިދާޅުވި އެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކަކީ ސައްހަ ޖަލްސާތަކެއްކަމަށް ވެސް އެ ފަރާތްތަކުން ގަބޫލުނުކުރާ ކަމަށެވެ. އެހެން ކަމުން ރައްޔިތުންގެ މަޖިލީހުގެ  ރައީސްގެ މަގާމުގައި އަބްދުﷲ މަސީހް އިންނަވައިގެން ފާސްކުރާ ނިންމުންތައް ބަލައިނުގަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފު އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާއިރު އެ ކޮމިޝަނުން ވަނީ އޭނާއަކީ އެ ކޮމިޝަނުގެ ރައީސް ކަމަށް ވެސް އިންތިހާބުކޮށްފަ އެވެ. ޝަރީފު އަކީ ރައީސް އަބްދުﷲ ޔާމިނާއެކު ޕީއޭގައިވެސް އުޅުއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން މިހާތަނަށް ޕީޕީއެމްގައި ހުންނެވިއިރު އޭނާ ވަނީ މި ސަރުކާރުގައި ސިޔާސީ މަގާމުތައް ފުރުއްވާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް