ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 18:33
އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާއެކު ރައީސް އަބްދުﷲ ޔާމީން
އެސެޓްސް ރިކަވަރީ ކޮމިޝަންގެ މެންބަރުންނާއެކު ރައީސް އަބްދުﷲ ޔާމީން
އަޒުމޫން އަހުމަދު
އެސެޓްސް ރިކަވަރީ ކޮމިޝަން
އަށް ރަށަކުން ކުލީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ: އެސެޓްސް ރިކަވަރީ ކޮމިޝަން
ޖީއެސްޓީގެ ގޮތުގައި ލިބެންޖެހޭ 7.5 މިލިއަން ރުފިޔާ
މި މައްސަލަތަކުގެ ޝަރީއަތް ފެށިފައި
މި ފައިސާ އަކީ މީރާއަށް ދައްކަންޖެހޭ ފައިސާ

ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން އަށް ރަށަކުން ކުލީގެ ގޮތުގައި 3.6 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ބުނެފި އެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން މިހާތަނަށް ކޮށްފައިވާ މަސައްކަތުން، ދައުލަތަށް ލިބެންޖެހޭ އެތައް ބިލިއަން ރުފިޔާއެއް މިހާރު ދެނެގަނެވިފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރީ، ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން އަންގާރަ ދުވަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި، ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބިވާ ގިނަ އަދަދެއްގެ ފައިސާއަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ(މީރާ) އަށް އެކިފަރާތްތަކުން ދައްކަންޖެހޭ ފައިސާއެވެ.

ނޫސް ބަޔާނުގައިވާ ގޮތުގައި، މިނިސްޓްރީ އޮފް ޓޫރިޒަމްގެ މަސައްކަތަށް ދައުލަތުން ދޫކޮށްފައިވާ ރަށްތަކާގުޅުންހުރި މުއާމަލާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޖުމްލަ އަދަދު، 3,629,473,520.32ރ. (ތިން ބިލިއަން ހަސަތޭކަ އޮނަތިރީސް މިލިއަން ހަތަރުސަތޭކަ ހަތްދިހަ ތިންހާސް ފަސްސަތޭކަ ވިހި ރުފިޔާ ބައްތިރީސް ލާރި) އަށް އަރައެވެ.

އެގޮތުން، ދައުލަތަށް އެ ފައިސާ ދައްކަންޖެހޭ ކުންފުނިތަކާއި ދައްކަންޖެހޭ ފައިސާގެ ތަފްސީލުތައް ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، 

1. ރ. މާނެންފުށި ކުއްޔަށް ނަގާފައިވާ މާނެންފުށި ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 2.3 ބިލިއަން ރުފިޔާ

2. ހދ. ހަނިމާދޫގެ ބިމެއް ކުއްޔަށް ނަގާފައިވާ ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 612 މިލިއަން ރުފިޔާ

3. ތ. އެލާ ކުއްޔަށް ނަގާފައިވާ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އިން ދައްކަންޖެހޭ 388 މިލިއަން ރުފިޔާ

4. ތ. ކަޅުފަހަލަފުށި ކުއްޔަށް ނަގާފައިވާ އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ 343 މިލިއަން ރުފިޔާ

5. ލ. ކައްދޫގެ ބިމެއް ކުއްޔަށް ނަގާފައިވާ ވިލާ ރިސޯޓްސް އެންޑް ހޮޓަލްސް އިން ދައްކަންޖެހޭ 337 މިލިއަން ރުފިޔާ

6. ގދ. ގަޒީރާ ކުއްޔަށް ނަގާފައިވާ ގަޒީރާ ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ 309 މިލިއަން ރުފިޔާ

7. ނ. ރާފުށި ކުއްޔަށް ނަގާފައިވާ އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑް އިން ދައްކަންޖެހޭ 264 މިލިއަން ރުފިޔާ

8. ފިލިތެޔޮ އައިލެންޑް ރިސޯޓް ކުއްޔަށް ނަގާފައިވޭ އޭއޭއޭ ޓްރޭޑިންގ ކޮމްޕެނީ އިން ދައްކަންޖެހޭ 31.8 މިލިއަން ރުފިޔާ

ޖީއެސްޓީގެ ގޮތުގައި ފައިސާ ލިބެންޖެހޭ ފަސް މިލިއަން ރުފިޔާއަށް ވުރެ މަތީގެ މައްސަލަތަކުގައި ހިމެނޭ ފައިސާގެ ޖުމްލަ ޢަދަދު، 7,522,267.81ރ. (ހަތް މިލިއަން ފަސްސަތޭކަ ބާވީސްހާސް ދުއިސައްތަ ފަސްދޮޅަސް ހަތްރުފިޔާ އެކާހި ލާރި) އަށް އަރާކަން ހާމަކޮށްފައިވެއެވެ. ބަޔާނުގައިވާ ގޮތުގައި އެ ފައިސާއަކީ މުހައްމަދު އަހުމަދު ދީދީ ކިޔާ މީހަކު ދައްކަންޖެހޭ ފައިސާއެވެ. އެ މީހާއާ ގުޅޭ އިތުރު ތަފްސީލެއް ބަޔާނުގައި ހާމަކޮށްފައިނުވެއެވެ.

މި ފައިސާގެ އަދަދުތައް އެކުލެވޭ މައްސަލަތަކަކީ މިހާރު ޝަރުޢީ މަރުޙަލާ ފެށިގެން ކުރިއަށްދާ މައްސަލަތައްކަންވެސް އެ ކޮމިޝަނުން ނެރުނު ނޫސް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ސްޓޭޓް އެސެޓްސް ރިކަވަރީ ކޮމިޝަނަކީ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރެއްގެ ދަށުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއި އެންޓިކޮރަޕްޝަން ކޮމިޝަނުން ދައުލަތަށް ފައިސާ ލިބެންޖެހޭ ކަމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ފައިސާ ހޯދުމަށް އެކަށީގެންވާ ފިޔަވަޅު އެޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމިޝަނެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް