ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 14:59
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ރާއްޖެއެމްވީ
އިލެކްޝަންސް ކޮމިޝަން
އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް ޝަރީފް ހޮވައިފި
އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާކުރެއްވީ މިއަދު
އެއްވެސް ފަރާތަކަށް ނުޖެހޭނެ ކަމަށް ވިދާޅުވި
ޝަރީފް ވަނީ މީގެކުރިން އެކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވާފަ

އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ މަގާމަށް، މިއަދު އެ ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާކުރެއްވި އަހުމަދު ޝަރީފް ހޮވައިފިއެވެ.

ޝަރީފް އެ މަގާމަށް ހޮވާފައިވަނީ މިއަދު ބޭއްވި އެ ކޮމިޝަނުގެ ބައްދަލުވުމެއްގައެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމަށް ޝަރީފު ހޮވާފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ޝަރީފް އައްޔަންކުރުމަށް ފާސްކޮށްފައިވަނީ 33 މެމްބަރުންގެ ވޯޓުން ނެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަރީފް ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވަނީ އިންތިހާބާއި ބެހޭ ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށް ކަމަށެވެ. އަދި އިންތިހާބާއި ބެހޭގޮތުން ސައްހަ މައުލޫމާތު އެއްވެސް ހުރަހެއް ނެތި ރައްޔިތުންނަށް ހާމަކުރައްވާނެ ކަމަށާއި އެ މަސައްކަތުގައި މީޑިއާގެ ފަރާތްތަކުގެ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ 12 މެމްބަރުންގެ ގޮނޑީގެ މައްސަލައިގައި އެ ކޮމިޝަނުން އިތުރު ގޮތެއް ނިންމާފައިނުވާ ކަމަށާއި ކުރިން އެ ކޮމިޝަނުން ނިންމި ނިންމުން އަދިވެސް އޮތީ އެގޮތަށް ކަމަށެވެ. އަދި އެ މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގައި މިހާރު ވެސް ޝަރީއަތެއް ހިނގަމުންދިޔުމާއެކު އެ މައްސަލައިގައި އިތުރު ނިންމުންތަކެއް ނިންމުމުގެ ވިސްނުމެއް އެ ކޮމިޝަނުގައި ނެތްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެކުރިން އެމަނިކުފާނު އަދާކުރެއްވި އެއްވެސް ވަޒީފައެއް ނުވަތަ އެއްވެސް ސިޔާސީ ފިކުރެއްގެ ނުފޫޒް އެކޮމިޝަނަށް ނުފޯރާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ކޮމިޝަނުން ނިންމާ ނިންމުންތައް ނިންމާނީ އެކޮމިޝަނުގެ މެމްބަރުންގެ އަޢުލަބިއްޔަތުން ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ހަމައެހެންމެ "އީ ވޯޓިން" ބޭނުންކުރުމާއި ގުޅޭގޮތުން އަދި ގޮތެއް ނިންމާފައިނުވާ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް ޝަރީފް އައްޔަން ކުރުމަށް ރުހުން ހޯދުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް އެނަން ހުށަހެޅެއްވުމުން ސަރުކާރު ހިންގާ ޕީޕީއެމްގެ ބައެއް މެމްބަރުންވެސް ވޯޓް ދެއްވާފައެއް ނުވެއެވެ.

އުވިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ ބައިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވައި އެ ގޮނޑި ކާމިޔާބު ކުރެއްވުމުގެ ކުރިން، އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ޝަރީފް އަދާކުރެއްވެވިއެވެ.

 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް