ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 13:56
ރައީސް އަބްދުﷲ ޔާމީން އަދި ސަރުކާރުގެ އިސްވެރިން
ރައީސް އަބްދުﷲ ޔާމީން އަދި ސަރުކާރުގެ އިސްވެރިން
ގޫގުލް
ރައީސް ޔާމީންގެ ހިޠާބު
ގިނަ ބަޔަކު ހައްޔަރުކުރުމަށް ފަހު މިއަދަކީ ގައުމިއްޔަތުގެ ދިރުވައި އާލާކުރުމުގެ ދުވަސް ސަރުކާރުން ފާހަގަކޮށްފި
ކޮންމެ އަހަރެއްގެ މާރޗު 6 ވަނަ ދުވަހަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް
މިއީ މިދުވަސް ފާހަގަ ކުރާ ފުރަތަމަ އަހަރު
ހިތްތަކުގައި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރަންޖެހޭ

މިދިޔަ ފެބްރުއަރީ ފަސް ވަނަ ދުވަހުން ފެށިގެން 45 ދުވަހަށް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް، ޖަލަށް ލާފައިވަނިކޮށް، މިއަދަކީ ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކޮށް ރައީސް އަބްދުﷲ ޔާމީން ހިޠާބެއް ދެއްވައިފި އެވެ.

ރާއްޖޭގެ ރައްޔިތުންގެ ހިތްތަކުގައި، ހާއްސަކޮށް އަދުގެ ޒުވާނުންނާއި ކިޔަވާ ކުދިންގެ ހިތްތަކުގައި ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ ވަރަށް މުހިންމު ގައުމީ މަސައްކަތެއްކަމުގައި ރައީސް ޔާމީން ވަނީ މި ހިޠާބުގައި ވިދާޅުވެފަ އެވެ. 

ކޮންމެ އަހަރެއްގެ މާރޗު މަހުގެ 6 ވަނަ ދުވަހަކީ، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ހަމަޖެއްސީ މީގެ އެއް އަހަރު ކުރިން ތަރިކަ މަޝްރޫޢު އިފްތިތާޙުކުރި ދުވަހާ ގުޅިގެން، ދިވެހިންގެ މެދުގައި އިސްލާމީ ވަޙުދަތާއި ޤައުމީ ރޫޙު އުފައްދައި އާލާކުރުމުގެ މަގްސަދުގައެވެ.

ރައީސް ޔާމީންގެ މި ހިޠާބުގައި، ގައުމުގެ މުސްތަގްބަލް އޮތީ ގައުމުގެ ޒުވާނުންގެ އަތްމަތީގައި ކަމަށްވާތީ، މިއަދުގެ ޒުވާނުންނަކީ ހަރުދަނާ ގައުމިއްޔަތެއްގެ ވެރި އަދި މިނިވަންކަމަށް ލޯބިކުރާ، އަމިއްލަވަންތަކަން ދިފާއުކުރާނެ ބައެއް ކަމަށް ހަދަންޖެހޭކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން ޒުވާނުންނާއި ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫޙު އިތުރަށް އާލާވެ، ގައުމަށް ހިދުމަތް ކުރާނެ، ގައުމުދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެންދާނެކަމަށްވެސް ރައީސް ރައީސް ޔާމީން ވިދާޅުވިއެވެ.

ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރާ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި ގައުމިއްޔަތު ދިރުވައި އާލާކުރުމަށްޓަކައި އަދި މިކަމުގެ ހޭލުންތެރިކަން އިތުރުކުރުމަށްޓަކައި ހުރިހާ ފަރާތްތަކަކުން ހާއްސަ މަސައްކަތްތަކެއް ކޮށްދެއްވުމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފަ އެވެ.

މީގެއިތުރުން ރާއްޖޭގެ ދަރިވަރުންގެ ހިތްތަކުގައި ގައުމީ ރޫހު ދިރުވުމަށާއި، ދަރިވަރުންނަކީ ގައުމުދެކެ ލޯބިވާ، ގައުމަށް ވަފާތެރި ބައެއްގެ ގޮތުގައި ތަރުބިއްޔަތު ކުރެއްވުމުގެ މަގްސަދުގައި ހާއްސަ ޕްރޮގްރާމްތަކެއް ހިންގަވައިދެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލް މަދަރުސާތަކުގެ ވެރިންނަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ. .

ގައުމިއްޔަތުގެ ދުވަސް ފާހަގަކުރާއިރު ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި ޖުޑިޝަރީ އަސްކަރިއްޔާއިން ހިސޯރުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއު ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސިޔާސީ ގިނަ ބޭފުޅުންތަކެއް ހައްޔަރުކޮށްފައިވެ އެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ރައްޔިތުންގެ ގިނަ ހައްގުތަކެއް ވަނީ ނިގުޅައިގެންފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް