ކ. މާލެ
|
6 މާރޗް 2018 | އަންގާރަ 09:05
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މެމްބަރު މުހައްމާ ދުރުކުރުމަށް މަސައްކަތް ކުރަނީ
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އެއްވުމެއްގެ ތެރެއިން މެމްބަރު މުހައްމާ ދުރުކުރުމަށް މަސައްކަތް ކުރަނީ
މުހައްމަދު ޝަރުހާން
ފުލުހުންގެ އަނިޔާ
މުއްދަތު ހަމަވިއިރުވެސް، ފުލުހުން ކުރި އަނިޔާގެ ތަފްސީލެއް އެޗްއާރްސީއެމަކުން ހާމައެއް ނުކުރި
ހާމަކުރަން ޖެހޭނީ 14 ދުވަހުގެ ތެރޭގައި
އަނިޔާކުރި ފުލުހުންގެ މައްސަލަ ޕީޖީއަށް ފޮނުވޭނެ
މުޒާހަރާތަކުގައި އަނިޔާވި މީހުންގެ އަދަދު ދަނީ އިތުރުވަމުން

މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާ ލިބޭފަ ގެއްލުމެއް ފުލުހުން ދީފިކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި، އެކަން ތަހުގީގުކޮށް، އެކަން ހިނގައިދިޔަ ގޮތް އާންމުކުރަންޖެހޭ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން އެކަން އިއުލާނެއް ނުކުރި އެވެ.

ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނޫގައި ބުނެފައި ވަނީ ފުލުހުންގެ މީހަކު މީހެއްގެ ފުރާނައަށް ނުވަތަ ހަށިގަނޑަށް ނުރައްކާ ލިބޭފަދަ ގެއްލުމެއް އެއްވުމެއްގެ ތެރެއިން ދީފި ކަމަށް ތުހުމަތު ކުރެވިއްޖެ ހިނދެއްގައި، އިތުރު އެއްވެސް ފަރާތެއްގެ ޝަކުވާއެއް ހުށަހެޅުމެއް ނެތި، އެ މައްސަލައެއް އެޗްއާރްސީއެމުން ތަހުގީގުކޮށް، އެކަމާ ގުޅޭ ގޮތުން ފާހަގަ ކުރެވުނު ކަންކަން އެކަމެއް ހިނގައިދިޔަތާ 14 ދުވަހުގެ ތެރޭގައި އިއުލާން ކުރަންވާނެ ކަމަށެވެ. 

ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ގާނޫނުގެ 51 ވަނަ މާއްދާގެ (ރ)ގައި ބުނެފައި ވަނީ އެފަދަ ކަމެއް ހިނގައިފައިވާ ކަމަށް އެ ތަހުގީގަކުން ދައްކައިފިނަމަ، އަކަމާ ގުޅޭ ގޮތުން އަޅަންޖެގޭ ފިޔަވަޅު އަޅައި ދިނުމަށް އެދި އެ މައްސަލައެއް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ)އަށް ފޮނުވަންވާނެ ކަމަށެވެ.

އެ ގާނޫނުގައި ބުނެފައިވާ ގޮތުން އެކަން ތަހުގީގުކުރުމުގެ ބާރު ޕޮލިސް އިންޓަގްރިޓީ ކޮމިޝަން (ޕީއައިސީ)އަށް ވެސް ވަނީ ދީފައެވެ. ނަމަވެސް ޕީއައިސީ އުވާލުމަށްފަހު، އުފައްދާފައިވާ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ވެސް އެ މައްސަލަ ތަހުގީގުކޮށް، ހިނގައިދިޔަ ކަންކަން އާންމުކޮށްފައެއް ނުވެއެވެ.

މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާތަކުގައި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާވެ، ހޮސްޕިޓަލްތަކުން ފަރުވާދީފައިވެއެވެ. އެގޮތުން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ރޭ ބޭއްވި އެއްވުމެއް ރޫޅާލުމަށް ފުލުހުން ބާރުގެ ބޭނުންކުރުމުގެ ތެރޭގައި މީހެއްގެ އަތް ބިންދައިގެން ގޮސްފައިވެއެވެ. އަދި މިދިޔަ މަހުގެ 22 ވަނަ ދުވަހުގެ ރޭ ހާލަތާ ނުބައްދަލު ބާރު ބޭނުންކޮށް، ޕެޕާ ސްޕްރޭ ޖެހުމުގެ ސަބަބުން، ދޮށީ އުމުރުގެ މީހަކު ހޭނެތި ކޯމާއަށް ގޮސް، އައިސީޔޫގައި ފަރުވާ ދޭން ޖެހިފައިވެއެވެ.

ސިލްސިލާ މުޒާހަރާތައް ކުރިއަށްދާތާ 33 ދުވަސްވެފައިވާއިރު، ނޫސްވެރިންނަށް ވެސް ފުލުހުން އެކިވަރުގެ އަނިޔާދީފައިވެއެވެ. އަދި ހައްޔަރު ކުރި ނޫސްވެރިޔަކަށް ފުލުހުން ދިން އަނިޔާތަކާ ގުޅިގެން، ރާއްޖެއިން ބޭރުން ފަރުވާ ވެސް ހޯދަންޖެހުނެއެވެ.

މުޒާހަރާތަކުގައި ފުލުހުން ދެމުންދާ އަނިޔާތައް ތަހުގީގުކޮށް، ހާމަކުރަންޖެހޭ މައުލޫމާތު އެޗްއާރްސީއެމާއި އެންއައިސީން އާންމު ނުކުރާ މައްސަލަ ފެންމަތިވެފައި ވާއިރު، އެ މުއްސަސާތަކުން ޖަވާބެއް ނުދެއެވެ. ނަމަވެސް ބައެއް ދުވަސްތަކުގައި މުޒާހަރާތައް މޮނީޓާ ކުރުމަށްޓަކައި އެންއައިސީ އާއި އެޗްއާރްސީއެމްގެ ބޭފުޅުން މުޒާހަރާތަކުގައި ހަރަކާތްތެރިވެއެވެ.

މުޒާހަރާތައް މޮނީޓާ ކުރުމަށްފަހު، އެ ބޭފުޅުންނަށް ފާހަގަ ކުރެވޭ މައްސަލަތައް ހާމަކޮށްފައެއް ނުވެއެވެ. އެކަމާ ގުޅޭ ގޮތުން ވެސް އެ މުއައްސަސާތަކުން ބަހެއް ބުނަން ބޭނުމެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް