ކ. މާލެ
|
5 މާރޗް 2018 | ހޯމަ 23:28
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައީސް މައުމޫން ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
ރައީސް މައުމޫނާ އެއްވެސް ސުވާލެއް ނުކުރޭ، ވާހަކަ ދައްކަނީ އަބުރު ނަގާލަން:ބަޔާން
ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް
ރައީސް މައުމޫނާއި، ނަދީމް ވަނީ ރަހީނުކޮށްފައި
ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް ފަރާތަކުން ޣައިރު ޤާނޫނީ އަމުރަށް ތަބާނުވުމަށް ގޮވާލާފައިވޭ

ތުހުމަތުކުރެވޭ ކަމަށް ފުލުހުން ބުނާ މައްސަލައިގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި މުހައްމަދު ނަދީމާ މިހާތަނަށް އެއްވެސް ސުވާލެއް ކޮށްފައިނުވާ ކަމަށާއި، ހެކި ހުރިކަމަށް ބުނެ ދައްކާ ވާހަކައަކީ އަބުރު ނަގާލުމުގެ ގޮތުން ފުލުހުން ދައްކާ ވާހަކަތަކެއްކަމަށް ރައީސް މައުމޫންގެ އޮފީހުން ބުނެފި އެވެ. 

 

ރައީސް މައުމޫނާއި ރައީސް މައުމޫންގެ ދަނބިދަރިކަލުން މުޙައްމަދު ނަދީމް ޤައިރު ޤާނޫނީ ބަންދުގައި ހުންނަވާތާ 1 މަސް ދުވަސްވެފައިވާކަން ފާހަގަކޮށް، އެމަނިކުފާނުގެ އޮފީހުން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާން ކޮށްފައިވަނީ ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށާއި، މިހާލަތު ގެ މުއްދަތު މަޖިލީހުން އިތުރު ކޮށްފައިވަނީ ޤާނޫނުއަސާސީއާ ދިވެހި ރާއްޖޭގެ ހެދިފައިވާ ޤާނޫނުތަކާއި ޚިލާފަށް ކަމަށްވާތީ މިއީ ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތެއްކަމަށް ދެކޭކަމަށެވެ. އަދި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން އުޅުނުކަމުގެ ތުޙުމަތުގައިކަމަށް ބުނެ ރައީސް މައުމޫނާއި، ނަދީމް ރަހީނުކޮށްފައިވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމަށްފަހު މުހައްމަދު ނަދީމް ހައްޔަރުކޮށްގެން ގެންދަނީ -- ފޮޓޯ: ރާއްޖެ.އެމްވީ

 

ރައީސް މައުމޫންގެ އޮފީހުން ބުނީ، 5 ފެބްރުއަރީ 2018 ގެ ފަހުން ފުލުހުން އެކި ފަހަރުމަތިން ދެއްވާފައިވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް މައުމޫނަށާއި މުޙައްމަދު ނަދީމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކާއި ގުޅިގެން އެތައް ބައިވަރު ހެކިތަކެއް ފުލުހުންނަށް ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ރައީސް މައުމޫން ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވާތާ މަސްދުވަހާއި ކައިރި ވަނިކޮށް ފުލުހުން ވަނީ ރައީސް މައުމޫންއަށް ހެކި ނައްތާލުމުގެ ކުށުގައި ދަޢުވާ އުފުލުމަށް ޕީ.ޖީ އަށް ފޮނުވާފައިކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

 

އެކަން ފާހަގަކޮށް ބަޔާނުގައި ބުނެފައިވަނީ ތަކުރާރުކޮށް ރައީސް މައުމޫން އާ މުޙައްމަދު ނަދީމްގެ މައްޗަށް ހެކިހުރިކަމަށް ވިދާޅުވެ އެބޭފުޅުންނާމެދު މުޖުތަމަޢުގައި އޮތް ޤަދަރާއި ލޯތްބަށް އުނިކަން ގެނައުމުގެ ނުބައި ނިޔަތުގައި އެބޭފުޅުންގެ އަބުރު ނަގާލުމަށް ފުލުހުން މަސައްކަތްކުރާކަމަށެވެ. އަދި އެ ބޭފުޅުން ރަހީނުކުރެވުނުފަހުން ތުހުމަތުކުރެވޭކަމަށް ބުނާ މައްސަލާގައި މިހާތަނަށް ރައީސް މައުމޫން އަދި މުޙައްމަދު ނަދީމްއާ އެއްވެސް ސުވާލެއްކޮށް ތަޙުޤީޤެއްވިޔަސް ހިންގާފައި ނުވާކަމަށް ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެއެވެ. 

 

"އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ކްރިމިނަލް ކޯޓުގައި ހިންގަމުންދާ ދެ ދަޢުވާގައި މިހާތަނަށް ހާމަވެފައިވާ ޙަޤީޤަތްތަކަށް ބެލުމުން މިއީ ދައުލަތުގެ މުއައްސަސާތަކާއި ވަޞީލަތްތައް ނަހަމަގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތެއްގެ ސިޔާސީ މަޤްސަދުތަކެއް ޙާޞިލްކުރުމަށް އުފުލާފައިވާ ޙައްޤުނޫން ދަޢުވާއެއްކަން ދިވެހި އެންމެހާ ރައްޔިތުންނަށް އޮޅުމެއްނެތި ކަށަވަރުވެއެވެ. އަދި ޙައްޤުނޫން ދަޢުވާތަކެއްކޮށް، އަސާސެއްނެތް އެކި ތުޙުމަތުތަކުގައި ޖަލުގައި ހުންނަވާތާ މިއަދަށް 7 މަސްދުވަސް ފާއިތުވެފައިވާއިރު އެމަނިކުފާނުވެސް ނުޙައްގުން ޖަލުގައި ހުންނަވަން ޖެހިވަޑައިގެންފައިވަނީ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ޤާނޫނީ ޒިންމާއިން ޣާފިލުވެ ސިޔާސީ ވަކި ފަރާތެއްގެ އަމުރަށް މަސައްކަތްކުރާތީކަމަށް ދެކެމެވެ." ބަޔާނުގައި ބުނެފައިވެއެވެ. 

 

 

ރައީސް މައުމޫންގެ އޮފީހުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ޣައިރުޤާނޫނީ ކުއްލިހާލަތުގެ ދަށުން ރަހީނުކޮށްފައިވާ އެންމެހާ ފަރާތްތައް މިހާރުން މިހާރަށް ދޫކޮށްލައި 1 ފެބްރުއަރީ 2018 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވާފައިވާ އަމުރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށް ކަމާއި ގުޅުން ހުރި އެންމެހާ މުއައްސަސާތަކަށް ގޮވާލާކަމަށެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން ޣައިރު ޤާނޫނީ އަމުރުތަކަށް ތަންފީޛުނުކުރުމަށާއި ސަލާމަތީ ޚިދުމަތްތަކުގެ އެއްވެސް ފަރާތަކުން ޣައިރު ޤާނޫނީ އަމުރަށް ތަބާނުވުމަށް އެ އޮފީހުން ވަނީ ގޮވާލާފަ އެވެ. 

 

ރައްޔިތުންގެ މަސައްކަތްތަކަށް ޝުކުރު އަދާކޮށް، ރައީސް މައުމޫންގެ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ހިންގާ ޣައިރު ޤާނޫނީ ކަންކަމާއި ދެކޮޅަށް ޤާނޫނީ އިމުގެ ތެރެއިން ހިއްވަރާއެކު އަޑު އުފުއްލަވަމުން ގެންދަވާ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު އަދާކޮށް، ކުރައްވާ މަސައްކަތުގައި ސާބިތުކަމާއެކު ދެމިތިއްބެވުމަށް ގޮވާލާކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް