ކ. މާލެ
|
5 މާރޗް 2018 | ހޯމަ 13:51
ސިޔާސީ ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުން ކަރެކްޝަންސްގައި
ސިޔާސީ ބައެއް ބޭފުޅުންގެ އަނބިއަނބިކަނބަލުން ކަރެކްޝަންސްގައި
ޓްވިޓަރ
ސިޔާސީ ކުއްވެރިން
އާއިލީ ބައްދަލުވުން ނުލިބިގެން އަނބިން ކަރެކްޝަނަށް!
ކަރެކްޝަނަށް ވަޑައިގެންނެވީ އަދީބާއި، ކާނަލް ނާޒިމާއި، މުހުތާޒާއި އިމްރާންގެ އަނބިކަނބަލުން
އެދެވޭ ޖަވާބެއް ނުލިބުނުކަމަށް އެފަރާތްތަކުން ބުނޭ
އާއިލީ ބައްދަލުވުން ހުއްޓާލާފައިވަނީ ކުއްލި ހާލަތާއި ގުޅިގެން

ސަރުކާރުން އެކިއެކި ތުޙުމަތުތައްކޮށް، ޖަލަށް ލާފައި ތިއްބެވި ހަތަރު ބޭފުޅަކަށް އާއިލީ ބައްދަލުވުން ހަމަޖައްސައިނުދޭ މައްސަލައިގައި އެ ބޭފުޅުންގެ އަނބިއަނބިކަނބަލުން ހޯމަ ދުވަހު ކަރެކްޝަންސްއަށް ވަޑައިގެން އެތާނގައި ގިނަ އިރުތަކެއް ހޭދަކުރެއްވިއިރުވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށް އެފަރާތްތަކުން ވިދާޅުވެއްޖެއެވެ.

އާއިލީ ބައްދަލުވުންތައް ހުއްޓާލާފައިވާ މައްސަލައިގައި ހޯމަ ދުވަހުގެ ހެދުނު 8 ޖެހިއިރު ކަރެކްޝަންސްއަށް ވަޑައިގެންނެވީ ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރޓޑ) މުޙައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް ޢަބްދުލްމަޖީދާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުޙުސިންގެ އަނބިކަނބަލުން ޝާދިޔާ އާދަމްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން ޢަބްދުﷲގެ އަނބިކަނބަލުން މަރިޔަމް ރީމްއެވެ.

ކަރެކްޝަންސްއިން ނުކުންނަވައި ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުން، އަދީބުގެ އަނބިކަނބަލުން ނަޝްވާ ވިދާޅުވީ ހޯމަ ދުވަހު ހެނދުނު 8 ޖަހަނިކޮށް އެ ހަތަރު ކަނބަލުން ކަރެކްޝަންސްއަށް ވަޑައިގަތީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ބައްދަލުކުރެއްވުމަށް ކަމަށެވެ. ނަމަވެސް އެ ކަނބަލުންނާއި ޝިހާން ބައްދަލު ނުކުރެއްވި ކަމަށާއި، އެ ތަނުގައި ތިބޭތާ އެތައް އިރެއް ފަހުން އެ ކަނބަލުންނާއި ބައްދަލުކުރެއްވީ ސުޕްރިޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހިމް ދީދީ ކަމަށެވެ.

ނަޝްވާ ވިދާޅުވީ، އެއް މައްސަލައަކާއި ގުޅިގެން އެކުގައި އެ ހަތަރު ކަނބަލުން ކަރެކްޝަންސްއަށް ވަޑައިގަތް ނަމަވެސް، އެސްޕީ ދީދީ އެ ކަނބަލުންނާއި ބައްދަލުކުރެއްވީ ވަކިވަކިން ކަމަށެވެ.

ނަޝްވާ ވިދާޅުވީ، ޖަލުގައި ތިބި ފަރާތްތަކަށް އާއިލީ ބައްދަލުވުން ހުއްޓައިލީ ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެންކަމާއި، މިހާރު މަދުމަދުން ބައެއް ފަރާތްތަކަށް އާއިލީ ބައްދަލުވުން ދެމުންދާކަމަށް އެސްޕީ ދީދީ ވިދާޅުވި ކަމަށް ނަޝްވާ ވިދާޅުވިއެވެ. ނަޝްވާ ވިދާޅުވީ ޖަލުގައި ތިބި ފަރާތްތަކުގެ ސިއްޚީ ހާލަތާއި މެދު ކަންބޮޑުވުންތައް ހުރުމުން ޚާއްސަ ބައްދަލުވުމެއް ނަމަވެސް ހަމަޖައްސައިދިނުމަށް އެދިލެއްވި ކަމަށާއި، ނަމަވެސް އެކަމާއިވެސް އެދެވޭ ޖަވާބެއް ނުލިބުނު ކަމަށެވެ.

ނަޝްވާ އިތުރަށް ވިދާޅުވީ، އާއިލީ ބައްދަލުވުންތައް ހަމަޖެއްސައިދިނުމަށް ކޮމިޝަނަރ ޝިހާން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެސްޕީ ދީދީ ވިދާޅުވި ކަމަށާއި، ނަމަވެސް، އެކަމަށްޓަކައި ޝިހާން ކުރައްވަނީ ކޮން މަސައްކަތެއްތޯ ސުވާލުކުރުމުން އެ ސުވާލަށް އެސްޕީ ދީދީއަށް ޖަވާބު ނުދެއްވުނު ކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނު ކުރުމުގެ ކުރިން، ފެބްރުއަރީ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރެފައިވާ ޙުކުމެއްގައި ސިޔާސީ ބޭނުމަށް ސިޔާސީ ނުފޫޒުގެ ތެރެއިން ޝަރީއަތް ހިންގާފައިވާ 9 ބޭފުޅަކު މިނިވަންކުރުމަށް ވަނީ އަމުރުކޮށްފައެވެ. ނަމަވެސް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން އެ އަމުރާއި އެއްގޮތަށް އަމަލުކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް