ކ. މާލެ
|
5 މާރޗް 2018 | ހޯމަ 11:32
ގައުމީ އިނާމު ދެއްވާ ހާއްސަ ހަފްލާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
ގައުމީ އިނާމު ދެއްވާ ހާއްސަ ހަފްލާގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް ޓްވިޓާ
ރައީސުލްޖުމްހޫރިއްޔާގެ އޮފިސް
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ސުންގަޑިއަކީ އޭޕްރީލް މަހުގެ 15 ވަނަ ދުވަހުގެ 14:00

މިއަހަރުގެ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން ހޯމަ ދުވަހު ހުޅުވާލައިފި އެވެ. 

މިއަހަރު ގައުމީ އިނާމު ދެއްވުމަށް ހަމަޖައްސަވާފައިވަނީ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ އިޙްތިފާލުގައެވެ.

ރައީސް އޮފީހުން ބުނީ ކުރީ އަހަރުތަކެކޭ އެއްގޮތަށް، މިއަހަރުވެސް ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ގައުމީ އިނާމަށް ނަން ހުށަހެޅުއްވޭ ގޮތަށް ވަނީ ހަމަޖައްސަވާފައެވެ. ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުންވެސް ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، ނަން ހުށަހެޅޭގޮތަށް ވަނީ ހަމަޖައްސަވާފައެވެ.

ރައީސް އޮޕީހުން ބުނީ ގައުމީ އިނާމަށް ވަކިވަކި ފަރުދުންގެ ނަން ހުށަހަޅުއްވާނީ، އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ. އަދި ކުންފުނި، ޖަމުއިއްޔާ ޖަމާޢަތް ފަދަ ތަންތަނުން ގައުމީ އިނާމަށް ނަން ހުށަހަޅާނީވެސް އެކަމަށް ކަނޑައެޅިފައިވާ ފޯމުގައެވެ.

ރައީސ އޮފީހުން ބުނީ ރާއްޖޭގައި ތިބި އެކި ފަންނުގެ ހުނަރުވެރިންނަށް ފުރުސަތު ދެއްވުމަށްޓަކައި އިނާމު ދެވޭ ދާއިރާތަކުގެ ތެރޭގައި، މިދިޔަ ހަތަރު އަހަރެކޭ އެއްގޮތަށް، ޒުވާނުންނާއި އަންހެނުންގެ ދާއިރާ ވަކިން ހިމަނުއްވައި، މި ދެ ދާއިރާއިން އިނާމު ދެއްވާނެ ވަކި ރޮނގުތަކެއް ވަނީ ކަނޑައަޅުއްވާފައެވެ. މި ދާއިރާއިން އިނާމު ދެއްވާނީ، މަދުވެގެން ފަސް އަހަރު ފާހަގަކުރެވޭފަދަ ހިދުމަތްތަކެއް ކޮށްފައިވާ އަންހެނުންނަށާއި، އުމުރުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނަށް ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމުގައި ހިމެނޭ ބައެއް ދާއިރާތަކުގެ ރޮނގުތަކަށާއި، ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމަށްވެސް މިއަހަރު ބައެއް ބަދަލުތައް ގެންނަވާފައިވާ ކަމަށެވެ.

ރައީސް އޮފީހުން ބުނީ ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ އެޕްރީލު މަހުގެ 15ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 2:00 އެވެ. ފޯމު ފޮނުއްވަންޖެހެނީ، ގައުމީ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ގައުމީ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ. ވެބްސައިޓް އެޑްރެހަކީ www.presidencymaldives.gov.mv އެވެ.

ގައުމީ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ގައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވާފައިވާ ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުސަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވާލައްވާނީ އަންނަ އެޕްރީލު މަހުގެ ތެރޭގައި ކަމަށްވެސް ރައީސް އޮފީހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް