ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހުރިހާ މުދަލެއް ހުސްކޮށްލައިގެން ވިޔަސް، ވިލިމާލޭ ދާއިރާގެ މެމްބަރު އަހްމަދު ނިހާނާއި ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލު އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފު ނުގަނެވޭނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ގާސިމްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވައި، އަބްދުއްރަހީމް ފާޑުވިދާޅުވެފައި ވަނީ ނިހާނާއި ހަލީލާއި އަލީ އާރިފު ޖުމްހޫރީ ޕާޓީއަށް ގުޅިވަޑައިގެންނެވުމަށް އެދިވަޑައިގަންނަަވަމުންދާތާ "އެތައް ދުވަހެއް ވެއްޖެ" ކަމަށް ގާސިމް ވިދާޅުވެފައި ވަނިކޮށެވެ.
ޕީޕީއެމް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާއެކު "ޑީލް" ހެދުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ގުޅުއްވި ކަމަށާއި ސަރުކާރާ ގުޅިވަޑައިގަތުމަށް ބޭނުންވެފައި ހުރިލެއް ބޮޑު ކަމުން މެސެޖުތަކެއް ވެސް ކުރެއްވި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މީޑިއާތަކުން ބޭނުންފުޅުވެއްޖެނަމަ އެ މެސެޖުތައް މީޑިއާއަށް ހިއްސާ ކުރައްވާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ. އެ މެސެޖުތައް ރާއްޖެޓީވީއާ ހިއްސާކުރުމަށް އަބްދުއްރަހީމަށް ދެންނެވުމުން އޭނާ އެ މެސެޖުތައް އޭނާ ހިއްސާކޮށްފައެއް ނުވެއެވެ.
އަބްދުއްރަހީމް ވިދާޅުވީ ސަރުކާރާ ޑީލެއް ހަދަން ބޭނުން ކަމަށް ވިދާޅުވެ ގާސިމް އޭނާއަށް ގުޅުއްވީ "25 ވަނަ ދުވަހު" ކަމަށާއި އޭރު އޭނާ ހުންނެވީ ރައީސް އޮފީހުގައި ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވި "25 ވަނަ ދުވަހަކީ" ކޮން މަހެއްގެ، ކޮން ދުވަހެއް ކަމެއް ފާހަގައެއް ނުކުރައްވައެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާސިމް ސަރުކާރު ކޮޅަށް ގެނެސްގެން ކުރާނެ މަންފާއެއް ނޯންނާނެ ކަމަށެވެ. ގާސިމަކީ ލާހޫރޭ ބޭފުޅެއް ކަމަށާއި ސިޔާސީ ގޮތުން ބަލާއިރު، އެއްވެސް ބުރަދަނެއް ހުރި ބޭފުޅެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރަށް ތާއީދު ކުރާ މެމްބަރުންގެ އަދަދު 45 އަށް ވުރެ، އިތުރު ކުރާނެ ކަމަށް ވެސް ގާސިމް ވައުދުވެވަޑައިގެންނެވި ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ގާސިމްގެ ރިސޯޓުތަކާއި ބިންތަކާއި އެހެން ހުރިހާ މުދަލެއް ވިއްކައިގެން ވިޔަސް އެމަނިކުފާނު ދައުލަތަށް ދައްކަންޖެހޭ ފައިސާ ހޯދަންޖެހޭ ކަމަށެވެ.