ފުލުހުންގެ ބަންދުގައި ހުރި މަޝްހޫރު ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން މުނައްވަރު(ކުޑަފޫޅު) އަށް އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްނުދޭތީ އޭނާގެ ގާނޫނީ ވަކީލު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ކުޑަކުދިންގެ މެދުގައި މަޝްހޫރުވި ކުރުފިލްމު، "ކުޑަފޫޅު" ފިލްމުގައި "ކުޑަފޫޅު" ގެ ރޯލު އަދާކުރި ހުސައިން މުނައްވަރު ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މާލޭގެ ކެފޭއެއްގެ ތެރެއިންނެވެ.
ހުސައިން މުނައްވަރުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވީ އޭނާގެ މުވައްކިލު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރި ގަރާރާއި ހަވާލާދީ ކަމަށެވެ. އަދި ހުސައިންގެ މައްޗަށް ކުރަނީ އަމަން ނަގާލުމުގެ ތުހުމަތު ކަމަށް ވެސް ސިރާޖު ވިދާޅުވިއެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ނެރުނު ގަރާރުގެ ދަށުން، ގާނޫނު އަސާސީއިން ކަށަވަރު ކޮށްދީފައިވާ ގިނަ ހައްގުތަކެއް ވަނީ ހިފަހައްޓާފައެވެ. އެގޮތުން، ކުށުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ހައްގުތައް ވެސް ހިފަހައްޓާފައިވާއިރު، ބަންދުގެ މުއްދަތާއި މެދު ގޮތެއް ކަނޑައެޅުމަށް ފަނޑިޔާރެއްގެ ކުރި މައްޗަށް ހައްޔަރުކުރާ މީހުން ހާޒިރެއް ނުކުރެއެވެ.
ސިރާޖު ވިދާޅުވީ ވަކި މުއްދަތެއް ނެތް ގޮތަށް ހުސައިން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާއިރު، އެކަށީގެންވާ ބޭސްފަރުވާ ފޯރުކޮށްނުދޭ ކަމަށެވެ. އެގޮތުން، ބޭރަށް ހިންގާތީ ޑޮކްޓަރަށް ދައްކަން ހުސައިން އެދުމުން، ޑޮކްޓަރަށް ދެއްކީ ފަސް ދުވަސް ފަހުން ކަމަށާއި ޑޮކްޓަރު ލިޔެ ދެއްވި ބޭސްތައް އަދިވެސް ނުދޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކުޑަފޫޅު ފާހަގަކުރޭ އޭނާއާއި އޭނާއާއެކު ބަންދުކޮށްފައި ތިބި މީހުން ބޯންޖެހެނީ ޓެޕް ވޯޓަރ ކަން، ޓެޕް ވޯޓަރ ބޯން މިޖެހެނީ ޑިއުޓީ އަދާކުރާ ފުލުހުން ބުއިމަށް ފަހު އެއްލާލާ މިނަރަލް ވޯޓަރ ހުސްކުރި ފުޅިއަށް އަޅައިގެން. މިއީ ތަފާތުކުރުން ހުރިވަރު،" ސިރާޖު ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން ކުރަމުންދާ ސިލްސިލާތަކުން ގިނަ އަދަދެއްގެ މީހުން ހައްޔަރުކޮށް ދޫނިދޫގައި ވަނީ ބަންދުކޮށްފައެވެ. މީގެ ތެރޭގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްބޭބޭފުޅުން ވެސް ހިމެނެއެވެ.