ހޮނިހިރު ދުވަހުގެރޭ މާލޭގައި މުޒާހަރާއެއް ކަވަރު ކުރަމުންދަނިކޮށް، ރާއްޖެޓީވީގެ ނޫސްވެރިޔާ މުރުޝިދު އަބްދުލްހަކީމް ބިންމައްޗަށް ވައްޓާލައި ބިޑި އަޅުވައިގެން ހައްޔަރުކޮށް ލާއިންސާނީ އަމަލުތައް ހިންގައި އޭނާއަށް ފުލުހުން އިންޒާރު ދީފައިވާ ކަމަށާއި އެ އަމަލަކީ އެ މުއައްސަސާ ބަދުނާމުވެ، ގަރަދު ކުޑަވާނެ ކަމެއް ކަމަށް ރާއްޖެޓީވީން ބުނެފިއެވެ.
މުޒާހަރާގެ ވާހަކަތަކާއި ކަން ހިނގަމުންދާ ގޮތް، ކެމެރާގެ ކުރިމަތީގައި ވަގުތުން ކިޔައިދެމުންދަނިކޮށް، މުރުޝިދު ހައްޔަރުކޮށް، އަނިޔާކޮށްފައިވާތީ އެކަން ކުށްވެރިކޮށް ރާއްޖެޓީވީން އާދީއްތަ ދުވަހު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނުހައްގުން އެއްވެސް މީހަކަށް އަނިޔާ ކުރުމަކީ އެއްވެސް މުއައްސަސާއަކަށް އަދި އެއްވެސް ޔުނިފޯމަކަށް ލިބިގެންވާ ބާރެއް ނޫން ކަމަށެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކޮށްދީފައިވާއިރު، ފުލުހުން ގެންދަނީ ނޫސްވެރިންނަށް ހުރަސްއަޅައި، ނޫސްވެރިންނަށް ޓާގެޓްކޮށް ޕެޕާ ސުޕްރޭ ޖަހަމުން ކަމަށް ރާއްޖެޓީވީން ބުންޏެވެ. އަދި ވަޒީފާގެ ވާޖިބު އަދާކުރަމުން ދަނިކޮށް އެތައް ނޫސްވެރިނެއް ހައްޔަރުކޮށްފައިވާ ކަމަށާއި ހާއްސަކޮށް، ރާއްޖެޓީވީގެ ނޫސްވެރިންނަށް ހުރަސް އެޅުމާއި އަނިޔާކުރުން އިތުރުވެފައިވާކަމަށް ރާއްޖެޓީވީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ރާއްޖެޓީވީން ބުނީ ފާއިތުވި ނުވަ މަސްދުވަހުގެ ތެރޭގައި މުރުޝިދަށް ފުލުހުންގެ ފަރާތުން ދެ ފަހަރެއްގެ މަތިން އަނިޔާކޮށްފައިވާ ކަމަށާއި މީގެ ދެ ތިން ހަފްތާ ކުރިން ރާއްޖެޓީވީގެ ނޫސްވެރިޔާ ހުސައިން ހަސަނަށްވެސް ފުލުހުންގެ ފަރާތުން ސީރިއަސް އަނިޔާތަކެއް ލިބި ރާއްޖޭން ބޭރުން ފަރުވާ ހޯދަން ޖެހުނު ކަމަށެވެ.
އެތައް ބައެއްގެ ލޯތަކުގެ ކުރިމަތީގައި ހޮނިހިރު ދުވަހުގެ ރޭ މުރުޝިދަށް އަނިޔާ ކުރީ ފުލުހުން އަންގަމުން ދިޔަ ކަންކަމަށް ފުރިހަމައަށް އަމަލު ކުރަމުންދަނިކޮށް ކަމަށާއި އެގޮތައް ކަންތައް ކުރަމުންދަނިކޮށް އޭނާ ބިންމައްޗަށް ވައްޓާލައި ފުރަގަހަށް ބިޑި އަޅުވައިގެން ގެންދަން އުޅުމުގެ ތެރޭގައި ހަށިގަނޑުގެ ތަންތަން މަށައިގެން ގޮސްފައިވާ ކަމަށް ރާއްޖެޓީވީން ބުންޏެވެ. އަދި ދެ އަތުގައި ހިފައި ބިންމަތީގައި ދަމާފައި ގެންދިއުމުގެ ސަބަބުން މުރުޝިދަށް ވަރަށް ބޮޑަށް ތަދު އިހުސާސު ކުރެވުނު ކަމަށާއި މި ގޮތުން ދަމާފައި ކެމަރާތަކަށް ގެއްލޭ ހިސާބަށް ގެންދިއުމަށްފަހު މުރުޝިދަށް އިންޒާރު ދިން ކަމަށްވެސް އެ ސްޓޭޝަނުން ބުންޏެވެ. އެގޮތުން "ޖަހަން ޖެހިއްޖިއްޔާ ޖަހާނެ" ކަމަށްވެސް އޭގެ ތެރެއިން ބައެއް ފުލުހުން ބުނެފައިވާ ކަމަށްވެސް ރާއްޖެޓީވީން ބުންޏެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ ބުނާ ގޮތުން މުޒާހަރާތައް ކަވަރު ކުރާ ނޫސްވެރިންނަށް ފުލުހުން ފުރުސަތު ދޭންޖެހޭނެއެވެ. އެ ގާނޫނުން އެ ބާރު ނޫސްވެރިންނަށް ދީފައިވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ގާނޫނުގެ 54 ވަނަ މާއްދާގެ (ނ) އިންނެވެ. އެ މާއްދާގައި ބުނަނީ އެއްވުމެއް ބާއްވާ ފަރާތްތަކުން ކުރާ ކަންކަމާއި އެ އެއްވުމަކާ ގުޅޭ ގޮތުން ފުލުހުން އަޅާ ފިޔަވަޅުތައް ގާތުން ބަލައި އެކަންކަން ރިޕޯޓު ކުރުމަށްޓަކާ އެތަނުގައި ހަރަކާތްތެރިވާ އެކްރެޑިޓް ކުރެވިފައިވާ ނޫސްވެރިންނަށް ފުރުސަތު ދޭންޖެހޭނެ ކަމަށާއި އެ މީހުންގެ މަސައްކަތަށް ފުލުހުން ވިޔަސް ހުރަސް އަޅައިގެން ނުވާނެ ކަމަށެވެ.