ރިޔާސީ އިންތިޚާބާ މެދު ވިސްނޭނީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލެވިގެން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެހެން ވިދާޅުވީ ސްރީ ލަންކާގެ ކޮލަމްބޯގައި ހުންނަވައި "ވަގުތަ"ށް ދެއްވި އިންޓަވިއުއެއްގައެވެ.
ރައީސް ނަޝީދާ ހަވާލާ ދެއްވައި ވަގުތު ނޫހުގައި ބުނެފައި ވަނީ ރިޔާސީ އިންތިޚާބާ މެދު އެއްވެސް ވަރަކަށް އިދިކޮޅު ފަރާތްތަކުން ވިސްނާ ވަޑައިނުގަންނަވާ ކަމަށާއި އިންތިހާބާމެދު ވިސްނުން ހުރީ ވަރަށް ހަނި ގޮތެއްގައި ކަމަށެވެ. ޕާޓީތަކަށް "އަތަކަށް" ދެވޭނީ އަދި ހިޔާލެއް ކުރެވޭނީ ކުއްލި ހާލަތު ނިމުމަކަށް އައިސްގެން ކަމަށް ނަޝީދު ވިދާޅުވެފައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އޮވެފައި އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ބޭއްވުމާ ގުޅޭ ގޮތުން އެއްވެސް އެއްޗެއް ސާފެއް ނުވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކު ހޮވާނީ ޕްރައިމަރީ އަކުން ކަމަށް ފާހަގަކޮށް، އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއަށް ވެސް މިހާރު ރިޔާސީ ކެންޑިޑޭޓެއް ކަނޑައެޅުން އެއީ އެންމެ މުހިންމު ކަންތައް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އެއްވެސް އެއްޗެއް ސާފު ނުވާއިރު އަޅުގަނޑަކަށް އެއްވެސް ގޮތަކަށް ސާފެއް ނުވޭ އަޅުގަނޑުމެން ކެންޑިޑޭޓެއް ހޯދައިގެން އެކަމަައިގެން އުޅެން ފެށުން އެއީ އެންމެ މުހިންމު ކަންކަމުގައި ދެކުން އެއީ އެމްޑީޕީ އިން ކޮށްފާނެ ކަމެއް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" ވަގުތަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވިއެވެ.
ރާއްޖެ މިހާރު އޮތް ހާލަތުގައި އެންމެ މުހިންމީ ޤާނޫނުގެ ތެރެއަށް އަމުޖުތަމަޢު އާއި ސަރުކާރު ވަނުން ކަމަށާއި ފެބްރުއަރީ އެކެއްގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ސަރުކާރުން ތަބާވުން ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި އިޤުތިޞާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަނެ، ސިޔާސީ ވާދަވެރިންނަށް ބައިވެރި ވެވޭނެ ގޮތް ހެދުމަކީ ރާއްޖެއަށް މިވަގުތު އެންމެ މުހިންމު ކަންތައް ކަމަށް ނަޝީދު ފާހަގަ ކުރެއްވިއެވެ.
ސުޕްރީމް ކޯޓުން ފެބްރުއަރީ އެކެއްގައި ނެރުނު އަމުރުގައި ބައެއް ބޭފުޅުން ދޫކޮށްލަން އަމުރު ކުރިއިރު، އެ މައްސަލަތަކުގައި ހިމެނޭ ބައެއް މީހުން ދޫކޮށްލަން އަމުރު ކޮށްފައި ނުވާތީ އެކަމާ ސުވާލު ކުރުމުން ނަޝީދު ވިދާޅުވީ އެކަކު ދޫކޮށްލާފައި އަނެކަކު ދޫކޮށްނުލަނީ ކީއްވެތޯ އަބަދުވެސް މީހުން ސުވާލު ކުރާ ކަމަށެވެ. އެއީ އަބަދުވެސް ފަނޑިޔާރު ގޭގެ މައްސަލައެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.
ސްރީ ލަންކާގައި ހުންނަވައި ނަޝީދު އެ ވާހަކަތައް ހިއްސާކޮށްފައި ވަނީ ސަރުކާރުގެ ޕްރޮމޯޓްކުރުމަށް ގިނަ ޚަބަރުތަކެއް ގެނެސްދޭ ވަގުތު ނޫހަށް ދެއްވި އިންޓަވިއުއެއްގައެވެ. ނަޝީދު ވަނީ އެ ނޫހުގެ ނޫސްވެރިންނާ ބައްދަލު ކުރައްވައި، އެމަނިކުފާނުގެ ނޫސްވެރިކަމުގެ ތަޖުރިބާ ހިއްސާ ކުރައްވައި، ޚަބަރު އިބާރާތް ކުރަންވީ ގޮތް ވިދާޅުވެ ދެއްވާފައެވެ. އަދި އެ ނޫހުގެ ނޫސްވެރިންނާއެކު ފޮޓޯ ނަގައި ހިޔާލު ބަދަލު ކުރައްވާފައެވެ.