ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ހުށަހެޅި މައްސަލަ ދިރާސާކުރަމުންދާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ބުނެފި އެވެ.
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފުލުހުން މައްސަލަ ހުށަހެޅީ ފެބްރުއަރީ 28 ވަނަ ދުވަހު އެވެ.
ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތާއި ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތުގައި މި ތިން ބޭފުޅުން ވެސް ހައްޔަރުކޮށްފައިވާއިރު، ފުލުހުން ތުހުމަތު ކުރާ ގޮތުގައި ތިން ބޭފުޅުން ވަނީ މައްސަލައާ ގުޅޭ ހެކި ނައްތާލާފައެވެ. އެކަމަށް ތުހުމަތުކޮށް، ހެކި ނައްތާލުމުގެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައެވެ.
މިކަމާ ގުޅޭގޮތުން ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ދިރާސާކުރަމުންދާ ކަމަށެވެ. އަދި ދައުވާ ކުރުމާ މެދު ގޮތެއް ނިންމާނީ މައްސަލަ ދިރާސާކޮށް ނިމުމުން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ފުލުހުން ބުނެފައިވާ ގޮތުގައި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ރިޝްވަތުގެ ފައިސާ ބޭނުން ކުރައްވައިގެން ރާއްޖެއިންނާއި ރާއްޖެއިން ބޭރުން އަގު ބޮޑެތި މުދާ ބައްލަވައިގަތުމަށް އެތަންތަނަށް ޒިޔާރަތްކުރައްވައި ވިޔަފާރިތައް ހިންގާފައިވާ ކަމުގެ ކިތާބީ ހެކި ފެނިފައިވެއެވެ.
ރައީސް މައުމޫން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވައިގެން ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރެއްވި ކަމަށް ތުހުމަތު ކުރާއިރު، ރައީސް މައުމޫންގެ އޮފީހުގައި ވަޒީފާ އަދާކުރައްވާ ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށީގެ ތެރެއިން ގިނަ އަދަދެއްގެ ހެކި ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. އެ ފޮށީގެ ތެރެއިން ފެނުނު ޑޮކިއުމެންޓަކުން ރައީސް މައުމޫން މެދުވެރިކޮށް، ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާއި ބައްދަލު ކުރެއްވިކަން ސާފުކޮށް އެނގެން އޮންނަ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ފަނޑިޔާރު އަލީ ހަމީދުއަށް، ރާއްޖޭގެ ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާކަން ޔަގީން ކުރެވޭ ކަމަށާއި އަދި 2.4 މިލިއަން ޑޮލަރުގެ މަންފާ އުއްތަމަ ފަނޑިޔާރަށް ވެސް ލިބިފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ. ރާއްޖޭން ބޭރުން އަގު ބޮޑެތި ފުލެޓުތައް ގަންނަން އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ފައިސާގެ އެހީ ދީފައި ވަނީ ރާއްޖޭގެ ބޮޑު އެހެން ކުންފުންޏަކުން ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ރައީސް މައުމޫނުގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:
- ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދީގެން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ވައްޓާލަން އުޅުމުގެ ތުހުމަތު
- ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމް ނެރެ، މައްސަލަތައް ނިންމުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމުގެ ތުހުމަތު
- ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި، ސަރުކާރާއި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ، އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތު
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާއި ފަނޑިޔާރު އަލީ ހަމީދުއަށް ކުރާ ތުހުމަތުތަކަކީ:
- ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށްފަހު ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމުގެ ތުހުމަތު
- ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މަސައްކަތް ކުރުމުގެ ތުހުމަތު
- ދައުލަތް ހިންގުމަށް ހުރަސްއެޅުމާއި، ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމުގެ ތުހުމަތު
ރައީސް މައުމޫނާއި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން، ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުގެ މައްޗަށް ދައުވާ ކުރުމަށްވެސް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. ހަސަން ސައީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ، ފުލުހުންގެ އިދާރާ އަށް ހާޒިރުވާން އެންގުމުން ފިލައިގެން އުޅުއްވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައެވެ.
މި މައްސަލަ ވެސް ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ދަނީ ދިރާސާކުރަމުންނެވެ.