ފެބްރުއަރީ 1 އިން ފެށިގެން މާރޗް 2 ގެ ނިޔަލަށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅައިގެން ހައްޔަރު ކުރި މީހުންގެ ތެރެއިން ބަންދުގައި މިހާރު ހުރީ އެންމެ މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާރޗް މަހުގެ 2 ވަނަ ދުވަހާ ހަމައަށް މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ތުހްމަތުގައި 48 މީހުން ހައްޔަރުކުރި ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއެކު ސިޔާސީ މަގުސަދުގައި ހައްޔަރުކޮށްފައިވާ ނުވަ ބޭފުޅަކު ދޫކޮށްލުމަށް ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒުކުރަން ގޮވާލައި ރައްޔިތުން އަޑު އުފުލަމުންދާއިރު، ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައިވާތީ ގިނަ ބަޔަކު ފުލުހުންނަށް ދަނީ ފާޑުކިޔަމުންނެވެ.
During 1 Feb-2 Mar demonstrations, having disobeyed Police instructions & due to clear obstruction of Police duty, @PoliceMV took a total of 48 individuals into custody, of whom 47 individuals were promptly released. We look to the community for support to ensure public safety.
— Maldives Police (@PoliceMv) March 3, 2018
ފެބްރުއަރީ 1 ގެ ފަހުން ހައްޔަރުކުރި ބައެއް މީހުން ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާއިރު، އެގޮތަށް ހައްޔަރުކުރި ގިނަ މީހުން އަދިވެސް ތިބި ޖަލުގަ އެވެ. ގާނޫނު އަސާސީގައި ބަޔާންކުރާ ސަބަބެއް ނެތި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމަށް ފަހު ހައްޔަރުކުރި ބޭފުޅުންގެ ތެރޭގައި އުއްތަމް ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް މައުމޫންގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނާއި، ޔުމްނާ މައުމޫނުގެ ފިރިކަލުން މުހައްމަދު ނަދީމް އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައެއް މެމްބަރުން ވެސް ހިމެނެ އެވެ. އަދި ހުކުރު ދުވަހު ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި އެހެން މީހުން ދޫކޮށްލާފައިވާއިރު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު މިނިވަން ނުކޮށް ޖަލުގައި ބަހައްޓާފައި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުންނެވެ.