ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫންގެ އަނބިކަނބަލުން މަރިޔަމް ލީޝިޔާ ފުރަތަމަ ފަހަރަށް އިހުތިޖާޖު ކުރުމަށް މަގުމައްޗަށް ނިކުމެވަޑައިގެންފިއެވެ.
ގުޅިފައިވާ ސިޔާސީ ހަރަކާތުގައި އިސް ރޯލެއް އަދާކުރައްވަނިކޮށް ޖަލަށް ލާފައިވާ ފާރިސްގެ އަނބިކަނބަލުން ލީޝިޔާ ހޮނިހިރު ދުވަހުގެރޭ އެމްޑީޕީގެ ހަރުގެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިހުތިޖާޖުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިއީ ލީޝިޔާ މިފަދަ އިހުތިޖާޖަކަށް ނިކުމެވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. އަދި އެކަނަމާ އަލަށް އިހުތިޖާޖަށް ނުކުންނަވާފައިވަނީ އެކަމަނާގެ އުފަންދުވަހުއެވެ.
އިހުތިޖާޖު ކުރުމަށް ލީޝިއާ މަގުމަށްޗަށް ނިކުންނެވިއިރު، ފާރިސްގެ މައްޗަށް ދައުލަތުގެ ދެ ދައުވާއެއް އުފުލައި ކްރިމިނަލް ކޯޓުގައި އެ މައްސަލަތަކުގެ ޝަރީޢަތް ކުރިއަށް އެބަދެއެވެ. މިވަގުތުވެސް ފާރިސް ހުންނެވީ އެއްވެސް ޝަރުއީ ހުކުމަކާއި ނުލައި ޖަލުގައެވެ. ފާރިސް ޖަލަށް ލާފައިވާއިރު، ބައްޕާފުޅު ރައީސް މައުމޫން އާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމުގެ އިތުރުން، ރައީސް މައުމޫންގެ އަރިހުގައި އުޅުއްވާ ބައެއް އެހެން މީހުންވެސް މިވަގުތު ތިއްބެވީ ޖަލުގައެވެ.
ފާރިސްގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާއިރު، ރިޝްވަތު ހުށަހެޅުމުގެ ކުށުގެ ދައުވާއެއްވެސް ދައުލަތުން ވަނީ ދާރިސްގެ މައްޗަށް އުފުލާފައެވެ.
އެހުރިހާ ތުހުމަތުތަކަށް ފާރިސް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ. އަދި ފާރިސްގެ މައްޗަށް ދައުވާތައް އުފުލައި، ޖަލަށްލާފައިވަނީ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ގެއްލި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ފަހުންނެވެ.