ރާއްޖެ ޓީވީގެ ރިޕޯޓަރ މުރުޝިދު ޢަބްދުލް ހަކީމް، މުޒާހަރާގައި ރިޕޯޓް ކުރަމުން ދަނިކޮށް އަނިޔާކޮށް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފިއެވެ.
މުރުޝިދު ހައްޔަރު ކުރުމުގައި 5 ފުލުހަކު ވަނީ މުރުޝިދު ހުރިތަނަށް ގޮސް ފުރައްސާރަކޮށް ރިޕޯޓް ކުރުމަށް ހުރަސް އަޅާފައެވެ.
ޗައިނާ އެމްބަސީ ކައިރީގައި މުރުޝިދު ރިޕޯޓް ކުރަމުން ދަނިކޮށް ހައްޔަރުކޮށްފައި ވަނީ 5 ފުލުހުން އޭނާ ގަދަކަމުން ކެމެރާމަން ހުރި ހިސާބާ ދުރަށް ގެންގޮސް އަނިޔާވެރި ކޮށެވެ. އެމަންޒަރު އެވަގުތު ރާއްޖެ ޓީވީގެ ލައިވް މަންޒަރު ތަކުން ދަނީ ފެންނަމުންނެވެ.
މުރުޝިދު ދޫކޮށްލުމަށް ރާއްޖެޓީވީއަށް ދިން އިންޓަރވިއުގައި މުރުޝިދު ބުނީ ގަދަކަމުން ގެންގޮސް ވަރަށް ހަޑިހުތުރު ބަހުން ވާހަކަދެއްކި ކަމަށާއި އެވާހަކަތަކަކީ އާއްމުކޮށް ދެއްކޭ ވަރަށްވުރެ ހަޑިހުތުރު ބަސްތަކެއް ކަމަށެވެ.
މުރުޝިދު ބުނީ ގެންގޮސް ވައްޓާލައިގެން ބިޑިއެޅުވުމުގެ ތެރޭގައި ފައިންއަރާ އަނިޔާކުރިކަމަށާއި ގެންދިއުމަށް ފަހު ހައްޔަރު ނުކޮށް ދޫކޮށްލާނެ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ފަހު ދުރަށް ގެންގޮސްގެން ވެސް ހަޑިހުތުރު ބަހުން މުއާމަލާކޮށްފައިވާ ކަމަށާއި ފުރައްސާރަކޮށް މަލާމާތް ކޮށްފައިވާކަމަށް މުރުޝިދު ވަނީ ބުނެފައެވެ.
މީގެ އިތުރުން މުރުޝިދު ހައްޔަރުކޮށްގެން ގެންދިޔަ ޤާނޫނީ ސަބަބެއް ފުލުހުން ބުނެފައި ނުވާ ކަމަށާއި ހައްޔަރުކުރީ އެސަރަހައްދުން ދުރަށް ގެންދިއުމަށް ކަމަށް ފުލުހުން ބުނި ކަމަށެވެ.
ހައްޔަރުކޮށްގެން ގެންދިޔަތާ މާގިނައިރެއް ނުވަނީސް މުރުޝިދު ދޫކޮށްލާފައިވާއިރު މުރުޝިދު ހައްޔަރު ކޮށްފައިވަނީ ޢާއްމުން ވަދެ ނިކުމެވޭގޮތަށް ދޫކޮށްލާފައިވާ ސަރަހައްދެއްގައި ހުއްޓައެވެ.