ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރިފަހުން އެކިއެކި އެއްވުންތަކާއި ސިޔާސީ އެކިއެކި މައްސަލަތަކުގައި ހައްޔަރު ކުރަމުންދާ މީހުންނާ މެދު ފުލުހުން އަމަލު ކުރަމުންދަނީ އެކިއެކި ފަހަރު، އެކި މީހުންނަށް ތަފާތުކޮށް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހޮނިހިރު ދުވަހު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާރ ޕާސަން ނައިބު އިދާރީ އަލީ ނިޔާޒު އާއި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ފުލުހުން ހައްޔަރު ކުރަމުންދާ މީހުންނާމެދު ތަފާތު ގޮތްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.
އެގޮތުން ހުކުރު ދުވަހު ހަވީރު މަޖީދީ މަގުގައި ކުރި އިހުތިޖާޖުގައި ސޯސަން މަގު ސަރަހައްދުން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު ބަންދުކޮށްފައިވަނީ ސްޓޭޓް އޮފް އިމަޖެންސީގެ ދަށުން ކަމަށް ފުލުހުން ބުނެފައިވާއިރު، ރިޔާޒު އާއެކު ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ބަންދުކޮށްފައިވަނީ ސްޓޭޓް އޮފް އިމަޖެންސީގެ ދަށުންނެއް ނޫނެވެ. އެނގިފައިވާ ގޮތުގައި ޝާހިދުއާއި ލަތީފް ބަންދު ކޮށްފައިވަނީ ފުލުހުންގެ ވާޖިބު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތުގަ އެވެ.
ސަރުކާރުން ކުއްލި ނުރައްކާ އިއުލާން ކުރިފަހުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބާއްވާ އެކިއެކި އިހުތިޖާޖުތަކުގައި ހައްޔަރު ކުރާ ބައެއް މީހުން ވަކި ހިސާބަކުން ދުކޮށްލަ އެވެ. އަނެއް ބަޔަކު 24 ގަޑިއިރުވާން ކައިރިވާއިރަށް ދޫކޮށްލަ އެވެ. އަދި އަނެއް ބަޔަކު ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރާ މީހުން، ކުއްލި ނުރައްކަލުގެ މި މުއްދަތުގެ ތެރޭގައި އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރާކަށް ނުޖެހެ އެވެ.