ހުކުރު ދުވަހު މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ފުލުހުން ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް އޭނާގެ ވަކީލުން ބުނެފި އެވެ.
ވަކީލުންނާ ހަވާލާ ދެއްވައި ޖުމްހޫރީ ޕާޓީގެ ސެކަރެޓަރީ ޖެނަރަލް އަހުމަދު ސަމީރު "ރާއްޖެއެމްވީ"އަށް ވިދާޅުވީ ރިޔާޒު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމު އަދާކުރައްވައި، ފުލުހުންގެ ހިދުމަތުގައި 25 އަހަރު ހޭދަކުރެއްވި ރިޔާޒު ހައްޔަރުކޮށް، ބަންދުގައި ބަހައްޓަނީ އިންސާފުން ނޫން ކަމަށް ސަމީރު ވިދާޅުވިއެވެ.
ރިޔާޒުގެ އިތުރުން މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ހުކުރު ދުވަހު ހައްޔަރުކޮށްފައި ވަނީ އެއްތަނަކުންނެވެ. ގުޅިފައިވާ ޕާޓީތަކުގެ ޕާލަމެންޓްރީ ގްރޫޕުގައި އިސްކޮށް އުޅުއްވާ އެ ދެ މެމްބަރުން ހައްޔަރު ކުރީ ސޯސަންމަގާއި މަޖީދީމަގާ ގުޅޭ ސަރަހައްދުން ހުކުރު ދުވަހުގެ ހަވީރުއެވެ. މުޒާހަރާގެ ބައިވެރިންނާއެކު އެ ސަރަހައްދުގައި އެ ދެ މެމްބަރުން ތިއްބަވަނިކޮށް، އެސްއޯ ފުލުހުން އެ ދެ ބޭފުޅުން ހައްޔަރު ކުރަން އުޅުމުން، ދެކޮޅު ހެދުމެއް ނެތި، ސުލްހަވެރިކަމާއެކު ފުލުހުންގެ ހައްޔަރަށް ވަނީ ވަޑައިގެންފައެވެ.
އެނގިފައިވާ ގޮތުގައި ޝާހިދުގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ފުލުހުންގެ ވާޖިބު އަދާކުރަން ދަތިކުރި ކަމުގެ ތުހުމަތެވެ.
ހުކުރު ދުވަހުގެ މުޒާހަރާގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގުޅިފައިވާ ޕާޓީތަކުން ކުރި މުޒާހަރާގައި ހައްޔަރު ކުރި ތިން މަޖިލިސް މެމްބަރުންނާއެކު ފުލުހުންގެ ހައްޔަރުގައި ތިބި މެމްބަރުންގެ އަދަދު ހަތަކަށް އަރައެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްފަހު ފުލުހުން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި ސިފައިންނާއި ފުލުހުންގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފައެވެ. އަދި ސިޔާސީ ޕާޓީތަކުގެ އިސް ބޭފުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
މުއްދަތެއް ނެތް ގޮތަށް އެ ބޭފުޅުން ބަންދުކޮށްފައި ވަނީ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ވެސް ހާޒިރުކުރުމެއް ނެތިއެވެ.