ގުޅިފައިވާ ޕާޓީތަކުން މަޖީދީމަގުގައި ހުކުރު ދުވަހު ކުރި މުޒާހަރާގައި ހައްޔަރު ކުރި 17 މީހުންގެ ތެރެއިން ބައެއް މީހުން މިއަދު ދޫކޮށްލައިފިއެވެ.
ސީޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކުރި މުޒާހަރާގެ ތެރެއިން މަޖިލީހުގެ ތިން މެމްބަރަކު ހުކުރު ދުވަހު ހައްޔަރުކޮށްފައިވެއެވެ. ނަމަވެސް އެ މެމްބަރުން ބަންދުން ދޫކޮށްލާފައެއް ނުވެއެވެ.
ދޫކޮށްލި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީ ޒުވާނުންގެ ގޮފީގެ އިސް މެމްބަރަކާއި ރައީސް މައުމޫނަށް ތާއިދު ކުރާ އެކްޓިވިސްޓެކެވެ. މުޒާހަރާގެ ތެރެއިން އެ މީހުން ހައްޔަރު ކުރުމަށް ފަހު އެ މީހުންގެ މައްޗަށް ކުރި ތުހުމަތެއް ފުލުހުން ނުބުނެއެވެ.
ހައްޔަރުކޮށްފައިވާ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ. އެ ބޭފުޅުންނާއެކު ފުލުހުން ބަންދުކޮށްފައިވާ މަޖިލިސް މެމްބަރުންގެ އަދަދު ހަތަކަށް އަރައެވެ.
ރައީސް ޔާމީންގެ ސިޔާސަތުތަކާއި އެމަނިކުފާނު ހިންގަވާ އަމަލުތަކާ ގުޅިގެން ހިންހަމަނުޖެހުން ފާޅުކޮށް، މަގުތަކުގައި މުޒާހަރާ ކުރަމުންދާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކޮށް، ރައީސް ޔާމީން ހިންގެވި ކަމަށް ބުނާ ޣައިރު ގާނޫނީ ކަންތައްތަކާ ގުޅިގެން މުޅި ރާއްޖޭގައި ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާތާ 31 ދުވަސް ވަނީ ވެފައެވެ.