އދ. މާމގިލީ އެއަރޕޯޓު ހިންގުމަށް ވިލާ ގްރޫޕާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް އިތުރު ކުރުމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލެވިގެންނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކަނޑައަޅައިފިއެވެ.
ވިލާ ގްރޫޕުގެ އަމިއްލަ ޚަރަދުގައި އެއަރޕޯޓް ތަރައްގީކޮށްފައިވާއިރު، އެއަރޕޯޓް ހިންގަން އެކުންފުންޏަށް ދީފައިވާ މުއްދަތު 99 އަހަރަށް އިތުރުކުރީ، ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި، 2012 ވަނަ އަހަރުގެ ނޮވެމްބަރުގައެވެ.
މާމިގިލީ އެއަރޕޯޓް ހިންގަން ވިލާ ގްރޫޕާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލަ ބެލުމަށް ފަހު މިދިޔަ އަހަރުގެ ޑިސެމްބަރުގައި ކޮމިޝަނުން ނިންމާފައި ވަނީ، އެކަމުގައި ކޮރަޕްޝަނުގެ އަމަލެއް އެކުލިވެންނުވާ ކަމަށެވެ.
މާމިގިލީ ބިން ހިއްކައިގެން، ވިލާ ގްރޫޕުން ތަރައްގީކޮށްފައިވާ އެއަރޕޯޓު ހުޅުވައި ޚިދުމަތް ދޭން ފަށާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ. ޑޮމެސްޓިކް އެއަރޕޯޓެއްގެ ގޮތުގައި، މާމިގިލީ އެއަރޕޯޓް ހުޅުވި ނަމަވެސް، ރައީސް ވަހީދުގެ ވެރިކަމުގައި އެ އެއަރޕޯޓް ވަނީ ބައިނަލްއަގްވާމީ އެއަރޕޯޓަކަށް ބަދަލުކޮށްފައެވެ. އެހެން ނަމަވެސް، މިހާރު އެ އެއަރޕޯޓް ޑޮމެސްޓިކް އެއަރޕޯޓަކަށް ވަނީ ބަދަލުކޮށްފައެވެ.