ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށް، ރާއްޖޭގައި މީހުން ހައްޔަރުކުރާ މިންވަރު އަވަސްކަމުން، ހައްޔަރުކުރެވޭ މީހުންގެ މައުލޫމާތު ދެނެގަންނަން ދަތިވާ ހިސާބަށް ގޮސްފައި ވާކަމަށް އެމެރިކާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އަތުލް ކެޝަޕް ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ކުރައްވާފައިވާ ޓްވީޓެއްގައި ސަފީރު ކެޝަޕް ވަނީ ޤާނޫނީ ގޮތުން އިންތިޚާބު ކުރެވިފައިވާ ކިތައް މަޖިލިސް މެމްބަރުންނާއި ޤާނޫނީ ގޮތުން އައްޔަން ކުރެވުނު ސަރުކާރުގެ ކިތައް މުވައްޒަފުން ބަންދުކޮށްފައި އެބަތިބިތޯ ސުވާލުކުރައްވާފައެވެ.
Arrests are happening so fast during the #Maldives #StateOfEmergency that it is hard to keep track. How many duly elected Members of Parliament and constitutionally designated officers of the government are now in jail?
— Atul Keshap (@USAmbKeshap) March 3, 2018
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިނގަމުންދާ ކަންކަމާ ގުޅިގެން އާއްމު ގޮތެއްގައި ކަންބޮޑުވުން ފާޅުކުރައްވަމުން ގެންދަވާ އެމެރިކާގެ ސަފީރު މިހެން ވިދާޅުވެފައި މިވަނީ ހުކުރު ދުވަހު ގުޅިފައިވާ ޕާޓީތަކުން މަޖީދީ މަގުގައި ބޭއްވި އިހުތިޖާޖުގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި މިހާރު ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި، ކުރީގެ ޕޮލިސް ކޮމިޝަނަރ އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހައްޔަރުކޮށްފައި ވަނިކޮށެވެ.
ހުކުރު ދުވަހު ތިން މެމްބަރަކު ހައްޔަރުކުރިއިރު، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި، ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު، މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން އަދި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު މިހާރު ވެސް ތިއްބެވީ އެކި ތުހުމަތުތަކުގައި ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށްފައެވެ. އަދި މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމަށް ރިޝްވަތުގެ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި ޖަލަށް ވަނީ ހުކުމެއް އިއްވާފައެވެެ.
ހުކުރު ދުވަހުގެ އެއްވުމާ ގުޅޭ ގޮތުން ރާއްޖެއެމްވީ އާއި އެހެން ބައެއް ފަރާތްތަކުން ކުރި ޓްވީޓްތައް ސަފީރު ކެޝަޕްވަނީ ރީޓްވީޓް ވެސް ކުރައްވާފައެވެ.
ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ސަރުކާރާއި އިދިކޮޅު ގިނަ މެމްބަރުންތަކެއް މަޖިލީހަށް ނުވައްދައި، ބައެއް މެމްބަރުން ހައްޔަރުކޮށް އަދި ބައެއް މެމްބަރުން ބަންދުކޮށްގެން، ގެންގުޅޭ މައްސަލައިގައި ބައިނަލްއަޤްވާމީ މުޖްތަމައުން ދަނީ ކެނޑިނޭޅި ކަންބޮޑުވުން ފާޅުކުރަމުންނެވެ.