މުޒާހަރާތައް ރޫޅާލުމުގައި އިސްކޮށް ހަރަކާތެރިވާ ފުލުހުންގެ ފައުޖު، ސުޕެޝަލް އޮޕަރޭޝަން (އެސްއޯ) ފުލުހުންތަކެއް އަނެއްކާ ވެސް ހައްޔަރުކޮށްފިއެވެ.
ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި އެސްއޯ ފުލުހުންގެ ތެރެއިން ތިން ފުހަކު އިއްޔެ ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު ހައްޔަރު ކުރީ މާލެއިންނެވެ. އެ މީހުން މާލެ އިން ހައްޔަރު ކުރީ ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކޮށްފައިވަނިކޮށެވެ.
މާލެއިން ހައްޔަރު ކުރި ދެ ފުލުހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައި ވަނީ އަތޮޅު ތެރޭގެ ރަށެއްގައި ހުރެފައި މާލެ އައިތަނުންނެވެ. ދެ ވަނަ މީހާ ހައްޔަރުކޮށްފައި ވަނީ ލަންކާއަށް ކުރި ދަތުރަކަށް ފަހު، އެނބުރި މާލެ އައިތަނުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ފަހުން އެސްއޯ ފުލުހުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެސްއޯ ކުރީގެ ކޮމާންޑަރު ސައިފު ހުސައިން ވެސް ހިމެނެއެވެ.
ހައްޔަރުކޮށްފައި ތިބި ފުލުހުންގެ ބަންދާ މެދު ގޮތް ނިންމުމަށް ކޯޓަށް ހާޒިރެއް ނުކުރެއެވެ. ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއް ނެތި މުއްދަތެއް ނެތް ގޮތަށް އެ ފުލުހުން ހައްޔަރުކޮށްފައި ބޭތިއްބުމާ ގުޅިގެން ގާނޫނީ ވަކީލުންނާއި ގުޅިފައިވާ ޕާޓީތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ބައެއް ފުލުހުން ހައްޔަރު ކުރަމުންދާއިރު، ސިފައިންގެ ތެރެއިން ވެސް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ. ސަލާމަތީ ހިދުމަތްތަކުގައި މަސައްކަތް ކުރާ ޔުނީފޯމު އެޅި، ފުލުހުން ހައްޔަރުކޮށްފައި ވަނީ ބައެއް ފުލުހުންނާއި ސިފައިން މަސައްކަތުން އެކަހެރިކޮށް، އާއިލާއާ ބައްދަލު ނުކުރެވޭ ގޮތަށް ހަދާފައި ވަނިކޮށެވެ.
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މަޖިލީހުގެ ބައެއް މެމްބަރުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މުޒާހަރާތައް އިންތިޒާމުކޮށް، އިސްކޮށް އުޅުނު ޕާޓީތަކުގެ އިސް ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.