ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫނުގެ މައްޗަށް ކޮށްފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.
އާދިއްތަ ދުވަހުގެ މެންދުރު 2:30 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ފާރިސްގެ ފަރާތުން ދިފާއުގައި ހުށަހަޅާފައިވާ 47 ހެކީންގެ ތެރެއިން، ހާޒިރުކުރާނެ ހެކިންނާ ގުޅޭ ގޮތުން ވާހަކަ ދައްކައި، ހާޒިރުކުރާނެ ހެކިންގެ އަދަދާ މެދު ގޮތެއް ކަނޑައެޅުމެވެ.
ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުން ވަނީ، ފާރިސްގެ ފަރާތުން އޭނާގެ ދިފާއުގައި ހުށަހަޅާފައިވާ ގިނަ ހެކިން ހާޒިރުކުރުމަށް އިއުތިރާޒުކޮށްފައެވެ.
ފާރިސްގެ މައްޗަށް ޝަހްސު އޮޅުވާލުމުގެ ދައުވާ ކޮށްފައި ވަނީ، ޕީޕީއެމްގެ ހުއްދަ ހޯއްދެވުމެއް ނެތި އެ ޕާޓީގެ ލޯގާ އާއި ދިދަ ބޭނުކުރައްވާފައިވާ ކަމަށް ބުނެއެވެ. އެގޮތުން، މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ފާރިސް ބައިވެރިވެ ވަޑައިގެންނެވި ޕްރެސް ކޮންފަރެންސެއްގައި، ޕީޕީއެމްގެ ނަމުގައި އޭނާ ވާހަކަ ދައްކަވައި، ޝަހްސު އޮޅުވާލާފައިވާ ކަމަށް ދައުވާގައި ވެއެވެ.
މި މައްސަލައިގައި ޖެނުއަރީ 15 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި ދައުލަތުން ހުށަހަޅާފައިވާ ސިއްރު ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވެއެވެ.
އާދިއްތަ ދުވަހުގެ އަޑުއެހުމަށް ފަހު މި މައްސަލައިގައި ދެން އޮންނާނީ ދެ އަޑުއެހުމެކެވެ. އެއީ ދިފާއީ ހެކިންގެ ހެކިބަސް ނެގުމާއި، ޚުލާސާ ބަޔާން ހުށަހެޅުމެވެ. އެ އަށް ފަހު އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.
ޝަހްސު އޮޅުވާލުމުގެ ދައުވާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ރިޝްވަތު ދެއްވި ކަމަށް ބުނެ ރިޝްވަތު ދިނުމުގެ ދައުވާ ވެސް ފާރިސްގެ މައްޗަށް ވަނީ ކޮށްފަ އެވެ. ފާރިސް މިހާރު ވެސް ހުންނެވީ ބަންދުގައެވެ.