ހުކުރު ދުވަހުގެ މުޒާހަރާ ކަވަރު ކުރުމަށް ހަރަކާތްތެރިވި ޗެނަލް 13 ގެ ނޫސްވެރިއަކަށް މުޒާހަރާގައި ހަރަކާތްތެރިވި ބަޔަކު ފުރައްސާރަ ކުރުމުން މޯލްޑިވްސް ޕްރޮގްރެސިވް ޕާޓީ (ޕީޕީއެމް) އިން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
އެ ޕާޓީން ހުކުރު ދުވަހުގެ ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކޮންމެ ގައުމެއްގައި ވެސް އެ ގައުމެއްގެ ހާލަތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމުގައި މިނިވަން ނޫސްވެރިންނަކީ މުހިންމު ދައުރު އަދާކުރާ ބައެއް ކަމަށާއި އެ ދާއިރާއަކީ އަބަދު ވެސް މިނިވަންކަމާ އެކު ހަރަކާތްތެރިވެވޭނެ ބަޔަކަށް ވުމަށް ހުރިހާ ފަރާތްތަކުން ވެސް ފުރުސަތުދޭން ޖެހޭނެ ކަމަށެވެ.
މީގެ އިތުރުން އެއްވުމުގެ ބައިވެރިން، އައިމިނަތި ލަޔާލް މަނިކަށް ނިސްބަތްކޮށް ވަރަށް ހުތުރު އަދި ބޭއަދަބީ ބަސްތަކުން މުހާތަބުކޮށްފައިވާ ކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
ބަޔާނުގައި އިތުރަށް ބުނެފައި ވަނީ އިދިކޮޅު ފަރާތްތަކުން ގާނޫނާއި ގަވާއިދާ ހިލާފަށް ވެރިރަށް މާލޭގެ މަގުތަކަށް ނިކުމެ ރައްޔިތުންނަށް އުނދަގޫވާ ފަދަ އަމަލުތައް ހިންގަމުން ގެންދިއުމާއި، ހާއްސަކޮށް މިނިވަން ނޫސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ކުރަމުންގެންދާ ފުރައްސާރަތައް ވަގުތުން ވަގުތަށް ހުއްޓާލައި މިނިވަން ނޫސްވެރިކަމަށް ޖާގަ ދިނުމަށް ގޮވާލާ ކަމަށެވެ.
ޕީޕީއެމް އިން މިގޮތަށް ބުނެފައިވާއިރު އެ ޕާޓީގެ ނޫސްވެރިންގެ ބައްދަލުވުމުންތައް ކަވަރު ކުރަން ރާއްޖެޓީވީން ދިޔުމުން ޕީޕީއެމްގެ އޮފީހުން ނޫސްވެރިން ވަނީ ނެރެފައެވެ. އަދި އެ ޕްރެސް ކޮންފަރަންސްތަކަށް ރާއްޖެޓީވީ ނުވެއްދުމުން ޕީޕީއެމްގެ ބަހެއް ހޯދުމަށް އެ އޮފީހުގެ ބޭރުގައި ތިބެގެން މަޖިލީސް މެމްބަރުންގެ އިންޓަވިއު ކުރަން އުޅުމުން އެޕާޓީގެ އެކްޓިވިސްޓުންނާއި ބައެއް މަޖިލީސް މެމްބަރުން ވަނީ ރާއްޖެޓީވީގެ ނޫސްވެރިންގެ މަސައްކަތަށް ހުރަސް އަޅައި ފުރައްސާރަ ކޮށްފައެވެ.
ފާއިތުވި މަހެއްހާ ދުވަހު މާލޭގެ އެކި ސަރަހައްދުތަކުގައި ހިންގަމުންދާ ސިޔާސީ ހަރަކާތްތައް ކަވަރުކުރުމުގައި ހަރަކާތްތެރިވި ގިނަ އަދަދެއްގެ ނޫސްވެރިންނަށް ފުލުހުންނާއި އާންމުންގެ ފަރާތުން ވެސް ފުރައްސާރަ އާއި އަނިޔާތައް ކުރިމަތިވެފައި ވެއެވެ. ހާއްސަކޮށް ފުލުހުންގެ ފަރާތުން ގިނަ އަނިޔާތަކެއް ލިބިފައިވީ ނަމަވެސް ޕީޕީއެމުން އެކަމާ ގުޅިގެން ކަންބޮޑުވެ ބަޔާނެއް ނެރެފައެއް ނުވެއެވެ.