މަގުމަތިން ހިނގާފައި ދިޔަ ބައްޕައަކާއި އޭނާގެ ދަރިފުޅުގެ ގަޔަށް ގިނަ އަދަދެއްގެ ޕެޕަރ ސްޕްރޭ ޖެހުމުގެ ސަބަބުން އަނިޔާވެ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.
ގުޅިފައިވާ ޕާޓީތަކުން ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާގެ ތެރެއިން މިރޭ މަޖީދީ މަގުގައި މުޒާހަރާ ކުރަމުން ދަނިކޮށް މަޖީދީ މަގުން ހިނގާފައި ދިޔަ ފިރިހެނަކަށާއި އޭނާގެ ދަރިފުޅުގެ ގަޔަށް ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހާފައި ވެއެވެ. އަދި އެކަމުގެ ސަބަބުން އެދެބަފައިންނަށް އަނިޔާވެ ރެޑް ކްރޮސެންޓްގެ އެމްބިއުލާންސަށް އަރުވާފައި އޮތް މަންޒަރު ފެންނަ ފޮޓޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެބައިފައިންނަށް ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ވަނީ ދޫކޮށްލާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެބަފައިންނަކީ މުޒާހަރާއާ އެއްވެސް ގުޅުމެއްވެސް ހުރި ބައެއް ނޫނެވެ.
ހުކުރު ދުވަހު ހަވީރު 4 ޖެހިއިރު ފެށި މުޒާހަރާގައި މިރޭ ވަނީ ގިނަ އަދަދަކަށް ޕެޕަރ ސްޕްރޭ ޖަހާފައެވެ. އެކަމުގެ ސަބަބުން ގިނަ ބަޔަކަށް ވަނީ އަނިޔާވެފައެވެ. އަދި ވަކިގޮތެއް ނުބަލާ ޕެޕަރ ސްޕްރޭ ޖެހިއިރު ބައެއް ފުލުހުންނަށްވެސް ވަނީ ޕެޕަރ ސްޕްރޭގެ އަސަރު ކޮށްފައެވެ.
ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ޕެޕަރ ސްޕްރޭ ޖަހަމުން ގެންދިޔައިރު، ފޫޓެއްހާ ކައިރިން ވަނީ ސީދާ މީހުންގެ ލޮލާ ދިމާކޮށް ޕެޕަރ ސްޕްރޭ ޖެހި މަންޒަރު ވެސް ރާއްޖެއެމްވީގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ.