ދިވެހި ރައްޔިތުންނާއި ދެކޮޅަށް ހުދުމުޚްތާރު ވެރިކަމުގެ އުކުޅުތައް ބޭނުން ކުރުން ހުއްޓާލައި، ޑިމޮކްރެސީ އިއާދަކުރުމަށް އިންޓަރނޭޝަނަލް ޑިމޮކްރެޓިކް ޔޫނިއަން (އައިޑީޔޫ) އިން ރައީސް އަބްދުﷲ ޔާމީނަށް ގޮވާލައިފި އެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަޚުގައި ނިއުޅެމުންދާ ކަންކަމާއި މިހާރުގެ ހާލަތައި ގުޅޭ ގޮތުން އައިޑީޔޫ އިން ނެރެފައިވާ ކުއްލި ޤަރާރުގައި ވަނީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގަމުންދާ ޤާނޫނާއި ޚިލާފް އަމަލުތަކާއިމެދު ނުހަނު ކަންބޮޑުވާ ކަމަށާއި، ޤާނޫނުގެ ވެރިކަމާއި ޑިމޮކްރެސީގެ އުސޫލުތަކާއި ތަކުރާރުކޮށް ޚިލާފް ވަމުންދާތީ އެކަމާއި އެޖަމިއްޔާ އިން ކަންބޮޑުވާ ކަމަށެވެ.
އަދި އެކަންކަމުގެ މައްޗަށް ރިއާޔަތްކޮށް އައިޑީޔޫގެ ޤަރާރުގައި ދިވެހި ސަރުކާރަށް މައިގަނޑު ހަތަރު ކަމަކަށް އެޖަމިއްޔާ އިން ގޮވާލާފައިވެއެވެ.
އެގޮތުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރަށް ފުރިހަމަ އަށް ތަބާވެ، އެ އަމުރު ވަގުތުން ވަގުތަށް ތަންފީޒުކޮށް ސިޔާސީ ކުށްވެރިން ދޫކޮށްލުމަށާއި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މިނިވަން ކުރުމަށާއި، ރައީސް މައުމޫން އަބްދުލްޤައްޔޫމާއި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި މައްޗަންގޮޅީ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި އެބޭފުޅުންގެ އާއިލާގެ މެމްބަރުންނާއި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ އެންމެން ދޫކޮށްލުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލިސް ހިސާރުން ވީއްލައި، ސިފައިންގެ ބެލުމުގެ ދަށުން ރައްޔިތުންގެ މަޖިލިސް މިނިވަންކޮށް މަޖިލީހުގެ މަސައްކަތްތައް ފުރިހަމަ އަށް ހިންގުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް އައިޑީޔޫ އިން ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހު ސްޕެއިންގައި ބޭއްވި ބައްދަލުވުމަށް ހުށަހެޅި ކުއްލި ގަރާރުގައިވެއެވެ.
އަދި ރާއްޖޭގައި ޑިމޮކްރެސީ އިއާދަ ކުރުމަށާއި، ދިވެހިރާއްޖެ އާއި މިސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ކޮށްދެވެން ހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ބައިނަލްއަޤްވާމީ މުޖުތަމައުގެ ކިބައިން އައިޑީޔޫ އިން އެދިފައިވެއެވެ.
އެގޮތުން މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބު ބޭއްވުމަށް ހުރަސް އެޅިދާނެ ފަދަ ގޮތަކަށް ރައީސް ޔާމީންގެ ސަރުކާރުން ހިންގަމުންދާ ޚުދުމުޚްތާރު އަމަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖުތަމައު އިން ތެދުވުމަށާއި، ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާނަމަ، ރައީސް ޔާމީންގެ ސަރުކާރާއި، ސަރުކާރުގެ އިސްވެރިންނާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ބައިނަލްއަޤްވާމީ މުޖުތަމައު އަށް އައިޑީޔޫ އިން ގޮވާލާފައިވެއެވެ.
މިޤަރާރާއެކު އައިޑީޔޫ އިން އާއްމުކޮށްފައިވާ ބަޔާނުގައި، ދިވެހި ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް ވަގުތުން ވަގުތަށް އެޅުމަށް ރައީސް ޔާމީންގެ ސަރުކާރަށް ގޮވާލާފައިވެއެވެ.