ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުރިއަށްގެންދާ ޞުލްހަވެރި އިހްތިޖާޖްތަކުގެ ތެރެއިން މީހުން ހައްޔަރު ކުރަނީ ބިރު ދެއްކުމުގެ ގޮތުން ކަމަށް ޖުމްހޫރީ ޕާޓީއިން ބުނެފި އެވެ.
ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ކުރިއަށް ގެންދާ އިހްތިޖާޖްތަކުގައި ބައިވެރިވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ހައްޔަރު ކުރުމާއި ގުޅިގެން ޖުމްހޫރީ ޕާޓީން ނެރުނު ބަޔާނުގައި ވަނީ، ފުލުހުންގެ މަދު ބަޔަކު ހިންގަމުންދާ ޤާނޫނާއި ޚިލާފް އަމަލުތަކުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ދިއުން އެޕާޓީން ކުށްވެރި ކުރާ ކަމަށެވެ.
"ޢަދުލު އިންސާފު ގާއިމް ކުރުމުގެ އެންމެ މަތީ ފަރާތް ކަމުގައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ކުރުމަށް ގޮވާލުމަކީ ޤާނޫނީ ކުށަކަށް ނުވާ ހިނދު، ޣައިރު ޤާނޫނީ އަމުރަށް ތަބާވެ، ފުލުހުންގެ މަދު ބަޔަކު ހިންގަމުން މިދާ ޤާނޫނާއި ޚިލާފު މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހި އެތަކެއް ރައްޔިތުންނަކަށް ނުހައްގުން އަނިޔާ ލިބެމުންދާ ދިއުން މި ޕާޓީން ކުށްވެރިކޮށް އަދި ސަރުކާރުގެ މިއަމަލުތަކަކީ ބިރު ދެއްކުމުގެ އަމަލުތަކެއް ކަމުގައިވެސް މި ޕާޓީން ދެކެމެވެ." ޖުމްހޫރީ ޕާޓީން ހުކުރު ދުވަހު ނެރުނު ބަޔާނުގައިވެއެވެ.
ގުޅިފައިވާ ޕާޓީތަކުން ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންދިޔަ އިހްތިޖާޖްގެ ތެރެއިން ހައްޔަރު ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު އާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު އަދި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުޙައްމަދު ހިމެނެއެވެ.
ޖުމްހޫރީ ޕާޓީން ވަނީ އެ ހުރިހާ ފަރާތްތައް ވަގުތުން މިނިވަން ކުރުމަށް ގޮވާލާފައެވެ.
މީގެ އިތުރުން ހުކުރު ދުވަހުގެ އިހްތިޖާޖުގައި ހައްޔަރު ކޮށްފައިވާ ކޮންމެ ރައްޔިތަކު ވެސް ހައްޔަރު ކޮށްފައިވަނީ ޤާނޫނު އަސާސީ އާއި ޤާނޫނުން ލިބިދޭ ހައްގުތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެން ޞުލްހަވެރިކަމާއެކު ތިއްބައި، އެއްވެސް އިންޒާރެއް ދިނުމެއްނެތި، ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކޮށް، ރައްޔިތުންގެ ނުރުހުމުގައި ގަޔަށް އަތްލައިގެން ކަމަށް ބުނެ، ހައްޔަރު ކޮށްފައިވާ އެންމެން ވަގުތުން މިނިވަން ކުރުމަށް ޖުމްހޫރީ ޕާޓީން ގޮވާލާފައިވެއެވެ.
އަދި ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ހައްޔަރުކޮށް، އެކި ތުހުމަތުގައި ބަންދުގައި ބައިތިއްބާއިރު މިފަހަކަށް އައިސް އިންސާނިއްޔަތާއި ޚިލާފް އަމަލުތައް ހިންގަމުންދާ ކަމަށް ހައްޔަރީންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ، ޖުމްހޫރީ ޕާޓީން އެކަމާއި ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެފަދަ އަމަލުތައް އިސްލާހު ކުރުމަށް ޖުމްހޫރީ ޕާޓީން ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކަށް ގޮވާލާފައިވެއެވެ.