މާލެ އާއި އަތޮޅު ތެރޭގެ ގިނަ ރަށްރަށުގައި ސުޕްރީމް ކޯޓުގެ 1 ފެބްރުއަރީ 2018 ގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އަޑު އުފުލައިފި އެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރު ދުވަހުގެ ހަވީރު 04:15 ގައި ފެށި މިއެއްވުމުގައި ގިނަ ބަޔަކު ބައިވެރިވެފައިވާ އިރު، މަޖީދީ މަގުގެ އެކި ސަރަހައްދުގައިވަނީ އަޑު އުފުލާފަ އެވެ.
އެއްވުން ރޫޅާ ލުމަށް ގިނަ ބައެއްގެ މޫނަށް ފުލުހުން މިއަދުވެސް ޕެޕަރ ސްޕްރޭ ޖަހާފައިވެ އެވެ. މަޖީދީމަގުގެ ކުނޫޒް ސަރަހައްދުގެ އިތުރަށް މަޖީދީމަގު ސޯސަން މަގާ ޖަންގްޝަނާއި ޗާންދަނީ މަގު ހިމެނޭ ސަރަހައްދަށް ވެސް ގިނަ ބަޔަކު ވަނީ އެއްވެފަ އެވެ.
މާލޭގެ އިތުރުން އއ. އުކުޅަސް، ގދ. ތިނަދޫ އާއި ލ. މާމެންދޫއާއި ގއ.ވިލިނގިއްޔާއި ތ. ކިނބިދޫ އާއި ތ. ކަނޑޫދޫގައި ވެސް ވަނީ އެއްވުންތައް ބާއްވާފަ އެވެ.
މާލޭގައި ބޭއްވި އެއްވުން ކުރިއަށްދާ އިރު ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ވަނީ ހައްޔަރުކޮށްފަ އެވެ.