ގުޅިފައިވާ ޕާޓީތަކުން މާލޭގައި ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒުގެ އިތުރުން ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް މުހައްމަދު ހައްޔަރުކޮށްފިއެވެ.
މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ކުރިއަށް ގެންދަނިކޮށް، ހެންވޭރު އުތުރު ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައި ވަނީ ސޯސަންމަގާއި މަޖީދީމަގު ގުޅޭ ސަރަހައްދުންނެވެ. އެ ދެ ބޭފުޅުން ހައްޔަރު ކުރި މަންޒަރު އެ ސަރަހައްދުގައި އެ ވަގުތު ތިބި ރާއްޖެޓީވީގެ ނޫސްވެރިންނަށް ފެނިފައިވެއެވެ.
ލަތީފް ހައްޔަރުކޮށްފައި ވަނީ މާވެޔޮ މަގު ސަރަހައްދުންނެވެ.
ޝާހިދާއި ރިޔާޒު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަކަށް އަރުވައިގެން ގެންދިޔައީ ކޮން ތުހުމަތެއްގައި ކަމެއް ފުލުހުން ނުބުނެއެވެ. އެ ދެ ބޭފުޅުން ހައްޔަރުކޮށްފައި ވަނީ މުޒާހަރާގެ ބައިވެރިންނާ އެކު، ޕޭވްމަންޓުމަތީގައި ހުންނަވަނިކޮށެވެ. ރަޔަޓް ފުލުހުން ނުކުމެ، އެ ދެ ބޭފުޅުން ހައްޔަރު ކުރަން އުޅުމުން ދެކޮޅުވެރިކަމެއް ނެތި ފުލުހުންގެ ހައްޔަރަށް ވަނީ ވަޑައިގެންފައެވެ.
ރޭގަނޑު 10:30ގެ ފަހުން އެއްވުން ކުރިއަށް ނުގެންދެވޭނެ ކަމަށް ފުލުހުން ބުނެފައި ވަނިކޮށް، މިއަދު ހަވީރު ފެށި މުޒާހަރާ ރޫޅާލަން ބާރުގެ ބޭނުން ކުރަނީ ކީއްވެގެން ކަމެއް ފުލުހުން ނުބުނެއެވެ. ހަމަނުޖެހުމެއް ކުރިމަތިލުމެއް ނެތި، ސުލްހަވެރިކަމާ އެކު މަޖީދީމަގުގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދާ އެ އެއްވުގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދު ވެސް ވަނީ ހައްޔަރުކޮށްފިއެވެ.
މަޖިލީހުގެ ތިން މެމްބަރުން މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވާއިރު، ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން މަޖިލީހުގެ ހަތަރު މެމްބަރަކު ވަނީ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ހައްޔަރުގައި މިވަގުތު ފަސް މެމްބަރުން ތިބިއިރު، ހައްޔަރު ކުރާ މެމްބަރުން މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގައި ބައިވެރިވުމުގެ ފުރުސަތެއް ވެސް ފުލުހުން ނުދެއެވެ.