ރ މަޑުއްވަރީގައި މީހެއްގެ އަނތްބެއްގެ ގާތަށް ވަން ކަމަށް ފުލުހަކު އެ ރަށު ޒުވާނުން ނިކުމެ އެރަށުން ބޭލި ވީޑިއޯއެއް އާންމު ވެއްޖެއެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހުމަދު ރާއްޖެއެމްވީއަށް ވިދާޅުވީ ރޭ ދަންވަރު 1 ޖަހާކަށްހާއިރު ފުލުހުންގެ ކާރުގައި ފުލުހަކު ގެއަކަށް ވަނތްތަން އެރަށުގެ ޒުވާނުންނަށް ފެނިގެން ފާރަލީ ކަމަށެވެ. އަދި އެ ފުލުސްމީހާ އެގެއިން ނިކުތީ ގާތްގަނޑަކަށް ރޭ ދަންވަރު 2:30 ހާއިރު ކަމަށާއި އެގެއިން ނުކުތުމަށް ފަހު އެރަށު ގާއިމްކޮށްފައިވާ ފުލުހުންގެ އިދާރާއަށް ވެސް ދިޔައީ ފުލުހުންގެ ކާރުގައި ކަމަށް އެރަށު ޒުވާނުން ބުނެފައި ވާކަމަށެވެ.
ފުލުހުންގެ އިދާރާއަށް އެ ފުލުސް މީހާ ދިއުމުން ޒުވާނުން އެ އިދާރާ ދޮށަށް ގޮސް އެ ފުުލުސްމީހާ ރަށުން ބޭލުމަށް އިހުތިޖާޖު ކުރީ ކަމަށާއި އެހެންކަމުން އޭނާ އެރަށުން ބޭލީ ރަށުގެ އަމިއްލަ މީހެއްގެ ލޯންޗުގައި ދަންވަރު 3:00 ހާއިރު ކަމަށް އަބްދުﷲ އަހުމަދު ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުސްމީހާ އެގެއިން ނިކުތްއިރު އެގޭގައި އުޅޭ އަންހެންމީހާ ވެސް އޭނާއާ އެއްކޮށް ނިކުތެވެ. އަދި އެގެއަށް ވަން ފުލުސް މީހާއާ އަންހެންމީހާ ގޭތެރެއިން ނިކުތް ވަގުތު އެއްވެ ތިބި މީހުންތައް ފެނުމުން އަންހެންމީހާ އަވަސް އަވަހައް ގޭތެރެއަށް ދެމިގަތް ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އެއަންހެން މީހާއަކީ މީހަކާ އިނދެގެން އުޅޭ މީހެއް ކަމަށާއި މިވަގުތު އޭނާގެ ފިރިމީހާވީ ރަށުން ބޭރުގައި ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ވަނީ މައުލޫމާތު ދީފައެވެ. އެ ދެމަފިރިންގެ ކުއްޖަކު ވެސް ހުރެއެވެ.
ރ. މަޑުއްވަރީގައި ގާއިމްކޮށްފައިވާ ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނަކީ އެރަށުން ބޭރު ފުލުހުން ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.
މިކަމާބެހޭ ގޮތުން ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.