މާތް ﷲ ގެ އިސްމުފުޅު ދިވެހިން ނުލިޔުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ފެބްރުއަރީ މަހުގެ 28 ގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ މިހާރަކަށް އައިސް ބައެއް ފަރާތްތަކުން ނޫސް މަޖައްލާ އަދި ސޯޝަލް މީޑިއާގެ ވެބްސައިޓް ފަދަ ތަންތަނުގައި ދިވެހި ބަހުން ލިޔާ ބައެއް ލިޔުންތަކުގައި ﷲ ގެ އިސްމުފުޅު ތާނައިން ތާނަ އަރަބި ބޭނުންކޮށްގެން ލިޔަމުން އަންނަ ކަން ފާހަގަ ކުރެވޭ ކަމަށެވެ. މިގޮތަށް ތާނައަކުރުން ﷲ ގެ އިސްމުފުޅު ލިޔުމަކީ އެކި ޒަމާންތަކުގައި ދިވެހިންގެ ތެރެއިން ދީނީ އިލްމުވެރިންނާއި، އަދި ސަރުކާރުތަކުން ވެސް މަނާ ކުރަމުން އަންނަ ކަމެއް ކަމަށެވެ.
ﷲ ގެ އިސްމުފުޅު ލިޔަން ވާނީ "ﷲ" (ނުވަތަ އަރަބި ފޮންޓުން) އަރަބި އަކުރުން ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ. އަދި ކީރިތި ޤުރުއާންގެ އާޔަތްތަކުގެ ނައްސުތަކާއި އަދި ކީރިތި ރަސޫލާ (ސ)ގެ ހަދީސްފުޅުތަކުގެ ނައްސުތައް ވެސް ލިޔަންވާނީ ވާރިދުވާ ގޮތަށް އަރަބި އަކުރުންކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ. އެބަޔާނުގައި ބުނެފައިވަނީ މީހުންގެ ނަން ކިޔުމުގައި عبدﷲ، عبد الرحمان ފަދަ ﷲ ގެ އިސްމުފުޅެއް ހިމަނައިގެން ކިޔާ ނަންކިޔުމުގައި ނަންކުރުކޮށްލުމުގެ ގޮތުން ވެސް އެއްވެސް މާނައެއް ދޭހަވާ ގޮތަށް ކިޔާ އުޅުމަކީ ﷲގެ އިސްމުފުޅަށް ނަމެއް ނިސްބަތްކުރުމުގައި ކިޔުން ވެސް އަދި ލިޔުން ވެސް ހުއްދަ ވާނެ ގޮތެއް ނޫން ކަމަށެވެ.
އެހެންކަމުން އެކަމަކީ އިސްލާމްދީނަށް އިހްތިރާމާއި ލޯބިކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲ ގެ އިސްމުފުޅު ތާނައިން ނުލިޔުމަށާއި އެކަންތައްތަކަށް ސަމާލުކަން ދިނުމަށް އަންގާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.