ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހުކުރުދުވަހު ބާއްވާ 'ބޮޑު އެއްވުމަށް' ތައްޔާރުވުމުގެ ގޮތުން ހެނދުނުގެ ސައެއް ކުރިއަށް ގެންގޮސްފިއެވެ.
ހުކުރު ދުވަހުގެ ހެނދުނު މަލޭގައި ހުންނަ އެމްޑީޕީ ހަރުގޭގައި ކުރިއަށްގެންދިޔަ މި ސައިގައި ގުޅިފައިވާ ޕާޓީތަކުގެ އިސް ފަރާތްތަކާއި، އެ ހަރަކާތައް ތާޢީދުކުރާ ބައެއް ފަރާތްތައް ވަނީ ބައިވެރި ވެފައެވެ.
ގުޅިފައިވާ ޕާޓީތަކުން ވަނީ ހުކުރުދުވަހުގެ ހަރަކާތުގައި އެ މީހަކު ހުރި ރަށެއްގައި ހުރެގެން ބައިވެރިވުމަށް ގޮވާލާފައެވެ.
މާލޭގައި މި އެއްވުން ފެށުމަށް ހަމަޖެހިފައި ވަނީ ހުކުރު ދުވަހުގެ ހަވީރު އެމްޑީޕީ ހަރުގެ ސަރަޙައްދުންނެވެ. އަދި ވީހާ ވެސް ގިނަ ބަޔަކު މަޖީދީ މަގަށް ނުކުތުމަށް ވަނީ ގޮވާލާފާފައެވެ.
ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކުރި ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި ގުޅިފައިވާ ޕާޓީތަކުން އެއްވުމެއް ބާއްވާއިރު، އެ ޙުކުމް ތަންފީޒު ކުރުމަށް ގޮވާލި ސިޔާސީ ފަރާތްތަކާއި، ބައެއް އާންމުންގެ އިތުރުން ބައެއް ފުލުހުންނާއި، ސިފައިން ވަނީ ހައްޔަރުކޮށްފައެވެ. މީގެ އިތުރުން ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލިސް ސިފައިންގެ ބާރުގެ ދަށަށް ގެންގޮސް، އުއްތަމަ ފަނޑިޔާރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ވަނީ ހައްޔަރުކޮށްފައެވެ.