މާލެ އިން ފުރައިގެން ޅ. ކުރެންދޫ އަށް ދަތުރުކުރި "ގިޓާނޯ" ނަމަކަށް ކިޔާ ދޯންޏެއް ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެ އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ، ގިޓާނޯ ނަމަކަށް ކިޔާ ދޯނި އަޑިއަށް ގޮސްފައިވަނީ މާލެ އިން ފުރައިގެން ޅ. ކުރެންދޫ އަށް ދަތުރު ކުރަނިކޮށް ކ. ކާށިދޫގެ ދެކުނުން 2.9 ނޯޓިކަލް މޭލު ބޭރުން ކަމަށެވެ.
އަދި މި ދޯނި އަޑިއަށްދިޔަ ކަމުގެ މައުލޫމާތު އެމްއެންޑީއެފްގެ ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައިވަނީ ބުރާސްފަތި ދުވަހުގެ ހަވީރު 05:55 ހާއިރު ކަމަށާއި، އެމައުލޫމާތު ލިބުމާއެކު ކ. ކާށިދޫގެ ސީ އެމްބިއުލާންސް އެސަރަހައްދަށް ފޮނުވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އެހެންނަމަވެސް ސީ އެމްބިއުލާންސް އެސަރަހައްދަށް ގޮސް ބެލި ބެލުމުން އަޑިއަށް ދިޔަ ދޯނީގެ އެއްވެސް ޚަބަރެއް ވެފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މިހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނާއެކު ޖުމްލަ ހަތަރު މީހުން ކަމަށް އެމްއެންޑީއެފް އިން މަޢުލޫމާތު ދެއެވެ.
އަދި ދޯނި އަޑިއަށް ދިޔައީ ދިޔަވެ، ޕަންޕު ޖެހުމުންވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށާއި، ދޯނީގައި ހުރީ ސިމެންތިއާއި ހިލަ އަދި ދަގަނޑު ކަމަށް ދޯނީގެ ކެޕްޓަނާއި ހަވާލާދީ އެމްއެންޑީއެފްގެ ކޯސްޓްގާޑުން މައުލޫމާތު ދެއެވެ.
ދޯނި އަޑިއަށް ދާން ފެށުމުން ދޯނިން ދަތުރުކުރި މީހުން، އެސަރަހައްދުން ކ. ގާފަރަށް ދަތުރުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކަށް އަރާފައިވާ ކަމަށާއި، މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
އަޑިއަށްދިޔަ ދޯނީގައި ހުރި ބައެއް ތަކެތި ފެންމައްޗަށް އެރުން އެކަށީގެންވާތީ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސް ކުރެއެވެ.