ކ. މާލެ
|
1 މާރޗް 2018 | ބުރާސްފަތި 18:57
އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - ސަރުކާރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރޭ
އުއްތަމަ ފަނޑިޔަރު އަބްދުﷲ ސައީދު - ސަރުކާރުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރޭ
ރައީސް އޮފީސް
އުއްތަމަ ފަނޑިޔާރު
ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތުކޮށް، އުއްތަމަ ފަނޑިޔާރާ ސުވާލުކޮށްފި
 
އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށް ފަސް ފަހަރެއްގެ މަތިން ސުވާލުކޮށްފައިވޭ
 
ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު ވަނީ އިންކާރުކުރައްވާފައި
 
އެ ތުހުމަތު އުއްތަމަ ފަނޑިޔާރުގެ މައްޗަށްކުރަނީ ރައީސް އޮފީހުން ފޮނުވި ހަތަރު ސިޓީއެއްގެ މައްސަލާގައި

ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތުކޮށް ފުލުހުން، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ ސުވާލުކޮށްފި އެވެ. 

 

ދައުލަތުގެ މަސައްކަތަށް ހުރަސްއެޅުއްވިކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކޮށްފައިވަނީ ރައީސް އޮފީހުން ސުޕްރީމް ކޯޓަށް ފޮނުވި ހަތަރު ސިޓީއެއް، އީ ގަވަރމެންޓް ނިޒާމް ޑައުންކޮށް، އެ ކޯޓަށް ބަލައިގެންފައިނުވާ ކަމަށް ބުނުމަށް ފަހު އެވެ. ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޤާނޫނީ ވަކީލް ހިސާން ހުސެއިން ވިދާޅުވީ ފުލުހުން ކުރާ ތުހުމަތުތަކަށް އުއްތަމަ ފަނޑިޔާރު އިންކާރު ކުރައްވާފައިވާ ކަމަށެވެ. 

 

ހިސާން ވިދާޅުވީ ސުޕްރީމް ކޯޓުން އީ-ގަވަރމެންޓް ނިޒާމް ބޭނުން ކުރުމަށް އެއްވެސް ޤާނޫނަކުން ލާޒިމްކޮށްފައިނުވާ ކަމަށެވެ. އަދި އުއްތަމަ ފަނޑިޔާރާއި ސުވާލު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށާއި، ޤާނޫނެއްގައި އެކަމެއް ކުރުމަށް ލާޒިމް ނުކުރާކަމެއް ޤައުމީ ސަލާމަތަށް ހުރި ނުރައްކަލަށް ވަނީ ކިހިނެއްތޯ ހިސާން ސުވާލު އުފެއްދެވި އެވެ. 

 

ހިސާން ވިދާޅުވިގޮތުގައި އެކިއެކި ތުހުމަތުތަކުގައި އުއްތަމަ ފަނޑިޔާރާއި ފަސް ފަހަރެއްގެ މަތިން ފުލުހުން ވަނީ ސުވާލު ކޮށްފަ އެވެ. 

 

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު، ހަމަ އެރޭގެ ދަންވަރުގެ ވަގުތެއްގަ އެވެ. އުއްތަމަ ފަނޑިޔާރު ހައްޔަރު ކުރުމަށް ސިފައިން ސުޕްރީމް ކޯޓަށް ވަދެފައިވަނީ ކޯޓުގެ ފުރާޅުމަތިން، އަދި ކޯޓުގެ ދޮރު ވައްޓާލުމަށް ފަހު އެވެ. އަދި އުއްތަމަ ފަނޑިޔާރު ހައްޔަރުކޮށްގެން ގެންގޮސްފައިވަނީ ދަމާ ކޫތާފައިކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ. 

 

ފުލުހުން، އުއްތަމަ ފަނޑިޔާރުގެ މައްޗަށް ވެސް ކުރާ އެންމެ ބޮޑު ތުހުމަތަކީ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރެއް ޣައިރު ޤާނޫނީގޮތަކުން ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު އެވެ. ނަމަވެސް އެ މައްސަލައިގައި އަދިވެސް އެއްވެސް ބޭފުޅެއްގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
100%
ކޮމެންޓް
1 މާރޗް 2018 | ބުރާސްފަތި 15:04
ފަނޑިޔާރަކީ
އުއްތަމަ ފަނޑިޔާރަކީ ދައުލަތް، މިހާރު ތިހުރަސްއަޅުއްވަނީ އޭނާގެ މަސައްކަތަށް