ދިވެހި ރާއްޖެއާއި އުތުރު ކޮރެއާއާއި ދެމެދު މަނާ ކުރެވިފައިވާ މުޢާމަލާތްތަކެއް ކަނޑުމަތީގައި ހިންގަމުންދާކަމަށް ޖަޕާނުން ތުޙުމަތުކޮށްފިއެވެ.
ޖަޕާންގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއިން އަންގާރަ ދުވަހު އާންމުކޮށްފައިވާ ލިޔުމެއްގައިވާގޮތުން، ޖަޕާނުގެ މެރިޓައިމް ސެލްފް-ޑިފެންސް ފޯސްގެ އެއާކްރާފްޓަކަށް އުތުރު ކޮރެއާގެ ދިދަނެގި ޓޭންކަރެއްކަމަށްވާ ޗޮން މާ ސަން އާއި ދިވެހި ރާއްޖޭގެ ދިދަނެގި ޓޭންކަރެއްކަމަށްވާ ޗިން ޔުއަން-18، 24 ފެބްރުއަރީގެ ދަންވަރުގެ ވަގުތެއްގައި ޗައިނާގެ އިރުމަތީ ކަނޑުން ވަނީ ފެނިފައެވެ.
ދެ އުޅަނދު ކައިރި ކައިރީގައި ތިއްބާ ފެނިފައިވާ ކަމަށާއި، އެ ގަޑީގައި ދެ އުޅަނދުގެ ބޮކިތައް ދިއްލާފައި ހުރިކަން ޖަޕާނުން ވަނީ ފާހަގަކޮށްފައެވެ. އަދި ދެ އުޅަނދުން އަމަލުކުރަމުންދިޔަ ގޮތް ދިރާސާ ކުރުމަށްފަހު، އދ.ގެ ސެކިއުރިޓީ ރިޒޮލިއުޝަންއިން މަނާކޮށްފައިވާ ކަންތަކެއް ކުރަމުންދިޔަކަމަށް "ވަރަށް ބޮޑަށް" ޝައްކު ކުރެވޭކަމަށްވެސް ޖަޕާނުން ބުންޏެވެ.
މި ކަމާއި ގުޅޭގޮތުން ޖަޕާނުން ދެކޭގޮތް ޗިން ޔުއަން 18 އާއި ގުޅުން ހުރި ގައުމުތަކާ ހިއްސާކޮށް، މި މައްސަލަ އދގެ ސެކިއުރިޓީ ކޮމިޓީ އާއިވެސް ހިއްސާކޮށްފައިވާކަމަށް ޖަޕާނުން ވަނީ ބުނެފައެވެ.
އުތުރު ކޮރެއާއިން ކުރަމުންދާ ޤާނޫނާއި ޚިލާފު އަމަލުތައް ހުއްޓުމަކަށް ގެނައުމުގެ މަގުޞަދުގައި އެމެރިކާއިން ވަނީ އުތުރު ކޮރެއާއާ ގުޅުން އޮންނަ ގިނަ ކުންފުނިތަކަކާއި އުޅަނދުތަކަށް އަމާޒުކޮށް ދަތިކުރުމުގެ ފިޔަވަޅުއަޅާފައެވެ. އެގޮތުން ޖަޕާނަށް މި ފެނުނު އުތުރު ކޮރެއާގެ ދިދަނެގި ބޯޓަކީ މި އަހަރުގެ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ފަރާތްތަކުގެ ލިސްޓުގައި ހިމަނާފައިވާ ބޯޓެކެވެ. މީގެ އިތުރުން، އދ.ގެ ސަލާމަތީ މަޖިލީހުގެ މެމްބަރު ގައުމުތަކުގެ އިއްތިފާގުން ވެސް ވަނީ އުތުރު ކޮރެއާއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ފާސްކޮށްފައެވެ.