އޮޑި ފެތިގެންދާއިރު ކެޔޮޅު މީހާ ބުނާ އެއްޗެއް ބަލަން ނުޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
އަންގާރަ ދުވަހުގެރޭ ވެރިކަން ކުރާ ޕީޕީއެމްއިން ބޭއްވި ރެލީއެއްގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްކެވި ވާހަކައަށް އިޝާރާތް ކުރައްވާ ކަމަށް ދޭހަވާ ގޮތަށް އަލީ ޙުސައިން ވިދާޅުވީ، އޮޑި ފެތިގެންދާއިރު ކެޔޮޅު މީހާ ބުނާ އެއްޗެއް ބަލަން ނުޖެހޭނެ ކަމަށާއި، ކަނޑުނުވެ ސަލާމަތްވުމަށް އެމީހަކަށް ކުރެވުނު ހަމަ ކޮންމެ ކަމެއް ކުރުމަށް މަޖުބޫރުވާނެ ކަމަށެވެ.
އޮޑި ފެތޭ ހިސާބަށް ދާނީ ކެޔޮޅުމީހާގެ ކުށުންކަން އަލީ ޙުސައިންގެ މި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.
Odi fethigen dhaairu keyolhu meehaa bunaa echcheh balaakah nujeheyne. Kandunuve salaamai vumattakai emeehakah kurevunu hama konme kameh kuran majbooruvaane. Odi fethey hisaabah dhanee keyolhu meehaage kushun.
— Ali Hussain (@AleeVoice) February 27, 2018
"ސަލާމަތީ ބާރުތަކާއިއެކު ދިވެހިން"ގެ ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައެއްގައި އަންގާރަ ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސަށް އޮންނަންވާ އިހްތިރާމާއި ތެދުވެރިކަން ސަރުކާރުގައި ތިއްބެވި ބޭފުޅުންނާއި ފުލުހުންނާއި ސިފައިންގެ ތެރޭގައި އޮންނަން ވާނެ ކަމަށެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަކީ އޮޑިއެއްގެ ކައްޕިއެއް ކަމަށާއި، ސަރުކާރާއި ސަލާމަތީ ޚިދުމަތްތަކަކީ އޮޑީގެ ފަޅުވެރިންގެ ގޮތުގައި ސިފަކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
"ކައްޕިއަށް އޮންނަ އިހްތިރާމާއި ކައްޕިއަށް އޮންނަ ތެދުވެރިކަން ހުރިހާ ފަޅުވެރިންގެ އޮންނަންވާނެ. ފަޅުވެރިންނަށް ކަމެއް ދިމާވީމައި، ކައްޕިއަށް ކަމެއް ދިމާވީމައި ގަދަ ކޮޅިގަނޑެއްގެ ތެރޭގައި ދަތުރުކުރާއިރު، ފަޅުވެރިންނެއް ސުވާލެއް ނުއުފައްދާނެ ޤާނޫނުގައި އޮތީ ކިހިނެއްތޯ. އޭގެ ތެރޭގައި ޑިމޮކްރަސީއެއް ނޯންނާނެ. ސިފައިންނާއި ފުލުހުންގެ ތެރޭގައި އެކަން އޮންނާނީ އެގޮތަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ސަރުކާރުގެ ކޮންޓްރޯލް ރައީސް ޔާމީނަށް ގެއްލުނީމާ ޑިމޮކްރަސީގެ ނިޒާމަށް ބަލާކަށް ނުޖެހޭނެ ކަމަށް ދޭހަވާފަދަ މޭރުމަކުން ރައީސް ޔާމީން ވާހަކަ ދެއްކެވިއެވެ. ފާޑުކިޔާ ގިނަ ފަރާތްތަކުން ސިފަކުރާ ގޮތުގައި މި ފެބްރުއަރީ މަހު ރައީސް ޔާމީން އެއަމަލު ކުރައްވަމުން ގެންދަވަނީ ޑިމޮކްރަސީގެ އުޞޫލުތަކާއި ޚިލާފަށް ކަމަށާއި، ފުލުހުންނާއި ސިފައިން މަސައްކަތް ކުރަމުންދަނީ ޤާނޫނާއި ޚިލާފަށް ރައީސް ޔާމީންގެ ވެރިކަން ދިފާޢުކޮށްދިނުމަށް ކަމަށް ރައީސް ޔާމީން ވަނީ ނުސީދާކޮށް އަންގާރަ ދުވަހުގެރޭ އިއުތިރާފްވެވަޑައިގެންފައެވެ.
ކައްޕިއެއްގެ މިސާލު ނަންގަވަމުން ރައިސް ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރަކީ އެއްވެސް މީހަކަށް އެއާއިމެދު ސުވާލު އުފެއްދޭނެ ބާރެއް ނޫން ކަމަށެވެ.
"ޤާނޫން އަސާސީގައި ކައްޕިއަށް ދޭ ބާރުތަކެއް މިހިރީ އެބާރު އެހެން އެއްވެސް މީހަކާއި ހިއްސާ ނުކުރާ، އަދި އޭގެއިން އެއްވެސް މީހަކާއި ބައިވެރިނުކޮށް އޭނާއަށް ދީފައި ހުންނަ ވަރުފަދަ އެބްޒޮލިއުޓް ބާރުތަކެއް މިހުންނަނީ. އެބާރަކީ އެހެން މީހަކަށް ޗެލެންޖް ކުރެވޭނެ ބާރެއް ނޫން. ކައްޕިއާއި ސުވާލު ކުރެވޭނީ ހަމައެކަނި ޤާނޫން އަސާސީއާއި ޚިލާފަށް ކަމެއް ކުރަންޏާ. ނުވަތަ ކައްޕި ހޮވުމަށްޓަކައި ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރެއިން ޝަރުތެއް އުނިވެއްޖެއްޔާ. މިސާލަކަށް ކައްޕިވެސް ބުއްދި ގޯސްވެއްޖެކަމަށްވަންޏާ ކައްޕިއާއި ސުވާލު އުފައްދާނެ،" ރައީސް ޔާމީން ވިދާޅުވިއެވެ.
އަލީ ޙުސައިންގެ އިތުރުންވެސް ޤަނޫނީ ދާއިރާގެ ގިނަ ފަރާތްތަކެއް ވަނީ އަންގާރަ ދުވަހުގެރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ފާޑުކިޔާފައެވެ.