ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)ގެ މެންބަރު ކަމަށް އައްޔަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް އަހުމަދު ސުލައިމާން އައްޔަން ކުރަން ފެންނަ ކަމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި އެވެ.
އެންއައިސީގެ މެމްބަރު ކަމަށް ސުލައިމާން އައްޔަން ކުރުމަށް މަޖިލީހަށް ސުލައިމާންގެ ނަން ހުށަހަޅުއްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އެވެ.
ބުދަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އެންއައިސީގެ މެންބަރު ކަމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރުހުން ދީފައިވަނީ 32 މެންބަރުން ވޯޓުންނެވެ. ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ އެއްވެސް މެމްބަރަކު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާފައެއް ނުވެއެވެ.
މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ސުލައިމާނުގެ ނަން ދިރާސާ ކުރުމަށް ފަހު ދީފައިވަނީ 75.89 މާކްސް އެވެ. ކޮމެޓީން ރުހުން ދޭން ފެންނަ ކަމަށް ފާސްވަނީ 75 މާކްސްއަށް ވުރެމަތިން މާކްސް ލިބޭ ފަރާތްތަކެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާން އެކޮމިޝަންގެ މެންބަރު ކަމުން އިސްތިއުފާ ދެއްވީ މިއަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުއެވެ.
ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ނިންމާފައި ވަނީ ވެސް ސުލައިމާން އިލެކްޝަންސް ކޮމިޝަނުގެ ރައީސް ކަމުގައި ހުންނަވައިގެންނެވެ. އަަދި އިލެކްޝަންސް ކޮމިޝަނާމެދު އަދި ހާއްސަކޮށް ސުލައިމާނަކީ އިހުލާސްތެރިކަން ނެތް ބޭފުޅެއްގެ ގޮތުގައި ގިނަ ރައްޔިތުން ފާހަގަކޮށްފައި ވެއެވެ. އެގޮތުން އެންމެފަހުން ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ސިޔާސީ ޕާޓީތަކާއި މެދު ތަފާތު ކުރުން ގެންގުޅޭ ކަމަށް ގިނަ ރައްޔިތުން ބުނެއެވެ.
ސުލައިމާނަކީ ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް އެލަޔަންސްގެ އިސް ވެރިއެކެވެ. އަދި ރައީސް ޔާމީންގެ އަރިސް ބޭފުޅެކެވެ.
ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ކުރީގެ ރައީސް ޔޫސުފް މާނިއު އެ ކޮމިޝަންގެ ރައީސް ކަމުންނާއި މެންބަރު ކަމުން ވަކިކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މާނިއު ވަކިކުރެއްވީ ބައެއް ފުލުހުންގެ އަމަލުތަކާއި ގުޅިގެން އޭނާ ހިތްހަމަ ނުޖެހޭކަން ހާމަކޮށްފައި ވަނިކޮށެވެ.