ރައީސް ޔާމީނާއި ކަމިޝަނަރ އޮފް ޕޮލިސްގެ ޒިންމާ ނަންގަވަން ހުންނެވި ބޭފުޅާއާއި ގާނޫނު ތަންފީޒު ކުރައްވާ އިދާރާތަކުގައި ތިއްބަވާ ބޭފުޅުން ތިއްބެވީ ސުޕްރީމްކޯޓުގެ ހުރުމަތް ކަނޑާލައިގެން ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދިން އަދަބުން އަދަބޯތް ޕެނަލް ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ ކޯޓުން ނިންމާ ހުކުމްތަކަށް ތަބާނުވުމަކީ ކޯޓުގެ ހުރުމަތް ކަނޑާލުންކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ކޯޓުގެ އަމުރަށް ތަބާނުވެގެން 15 ދުވަހުގެ ޖަލު ހުކުމެއް އެކަމުގައި ޒިންމާވާ ހުރިހާ ފަރާތްތަކަށް އަންނާނެ ކަމަށް ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ އޭނާ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމުގައި ހުންވިއިރުގައި ވެސް އޭރު ސުޕްރީމްކޯޓުން އިއްވި ހުކުމަކާމެދު ހިތްހަމަ ނުޖެހުނު އިރު ވެސް ތަންފީޒު ކުރެއްވި ކަމަށެވެ. ސުޕްރީމް ކޯޓުގެ ހުކުމަކީ އެ ހުކުމަކާއި ދޭތެރޭ ހިތްހަމަ ޖެހުނުކަމުގައި ވިއަސް އަދި ނުޖެހުނު ކަމުގައިވިއަސް އެހުކުމުގައި ބުނާގޮތަށް އަމަލުކޮށް ތަންފީޒު ކުރަންޖެހޭ ހުކުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެނޫން ގޮތަކަށް ކަންތައް ކޮށްފިކަމުގައި ވާނަމަ މުޅި ނިޒާމް ހަލާކުވެ ނިޒާމްތައް ގެއްލިގެން ދާނެކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުކުމްތަކަށް އެންމެ ގިނައިން ފާޑު ކިޔާއެކަކު. އަޅުގަނޑަށް ވުރެ ވަކި ފާޑުކިޔާ މީހަކުވެސް މަދުވާނެ. އެހެން ނަމަވެސް އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި ސުޕްރީމް ކޯޓުން ކިތަންމެ ހެއްވާ ހުކުމެއް ކުރެއްވިއަސް. މިސާލަކަށް ވަރަށް ހެއްވާ ހުކުމެއް އެއީ ކުރީގެ ސިވިސް ސާވިސް ކަމިޝަނުގެ ރައީސްގެ މައްސަލައެއް ނިންމެވި ޖިނާއީ މައްސަލަތައް ނިންމެވުމާއި މުޅި އުސޫލުތައް އެއްފަރާތްކޮށް ނިންމާފައި އޮތް ހުކުމެއް. އެހުކުމަށް ވުރެ ވަކި ހެއްވާ ހުކުމެއް މިހާތަނަށް ކުރައްވާފައެއް ނެތް. އެހެން ނަމަވެސް އެހުކުމް ކުރެއްވީމާ އެހުކުމަށް އަމަލު ކުރުމަކީ އަޅުގަނޑުމެން ކުރަންވީކަމެއް. އަޅުގަނޑު ޕީޖީ އޮފީހުގައި އުޅުނު އިރުވެސް އެހުކުމާމެދު އަމަލު ކުރަންޖެހުމުން އެހުކުމާއި މެދު އަމަލު ކުރިން" ޝަމީމް ވިދާޅުވިއެވެ.
ޝަމީމް ވިދާޅުވީ ކޯޓުތަކުން ހުކުމް ކުރިކަމުގައި ވިއަސް ތަންފީޒީ އިދާރާތަކުން ހުކުމް ތަންފީޒު ނުކުރާހާ ހިނދަކު ގާނޫނީ ވަކީލުން ކުރައްވާ މަސައްކަތުގެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން 12 މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅާފައިވާ ނިންމުމަށް ޝަމީމް ވިދާޅުވީ އެއްވެސް އިރެއްގައި ސުޕްރީމް ކޯޓުން މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ބުނެފައިނުވާ ކަމަށެވެ. އަދި މަޖިލީހުގެ މެމްބަރެއްގެ ގޮނޑިގެއްލިއްޖެކަމަށްވާނަމަ ގާނޫނު އަސާސީގެ 78 ވަނަ މާއްދާއާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ 5 ވަނަ މާއްދާގެ ށ ގައިވާގޮތުން ބައި އިލެކްޝަން ބާވަން ޖެހޭ ކަމަށާއި އެހެން ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސްފައިވާ ކަމަށް ޝަމީމް ވިދާޅުވިއެވެ.