ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އަންގާރަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު މުހައްމަދު ފަލާހު ހައްޔަރުކޮށްފިއެވެ.
ފަލާހާ އެކު ފަސް މީހަކު ވެސް މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރު ކުރިއެވެ. ނަމަވެސް ތިން މީހަކު ފުލުހުން ވަނީ ފަހުން ދޫކޮށްލާފައެވެ. ފުލުހުން ދޫކޮށްލި ތިން މީހުންނަކީ މ. ކުނޫޒު ސަރަހައްދުން ހައްޔަރު ކުރި ތިން މީހުންނެވެ. އެ ތިން މީހުން ދޫކޮށްލާފައި ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށްފަހުއެވެ.
ފަލާހު ހައްޔަރުކޮށްފައި ވަނީ އެމްޑީޕީގެ ހަރުގެ ކުރިމަތީގައި މުޒާހަރާ ކުރިއަށް ދަނިކޮށް، ފުލުހުންތަކަކާ ވާހަކަތަކެއް ދައްކަމުންދަނިކޮށެވެ. އޭނާ ހައްޔަރު ކުރި ސަބަބާ ގުޅޭ ގޮތުން ފުލުހުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ފާއިތުވެދިޔަ ދެ ދުވަހު ވެސް މުޒާހަރާތަކުން ހައްޔަރު ކުރި މީހުން ދޫކޮށްލާފައި ވަނީ ބަންދުކުރާތާ، 24 ގަޑިއިރުވާން ކައިރިވެފައިވަނިކޮށެވެ. މުޒާހަރާތަކުން ހައްޔަރު ކުރާ މީހުން ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް މިދުވަސްވަރު ހާޒިރެއް ނުކުރެއެވެ.
ސިލްސިލާ މުޒާހަރާތައް މާލޭގައި ކުރިއަށްދާތާ 27 ދުވަސް ވެފައިވާއިރު، އެއްވުންތައް ރޫޅާލުމުގައި ފުލުހުން ދަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރަމުންނެވެ. އިންޒާރު ދިނުމަކާ ނުލައި، ފުލުހުން މުޒާހަރާތައް ރޫޅާލުމުގައި ހާލަތާ ނުބައްދަލު ބާރު ބޭނުންކުރުމުގެ ސަބަބުން މިހާތަނަށް ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައްވެފައިވެއެވެ. އެގޮތުން ޕެޕާ ސްޕްރޭގެ އަސަރުކޮށްގެން ހާލު ސީރިއަސްވި ދޮށީ އުމުރުގެ މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.
ނަމަވެސް އަންގާރަ ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ޕެޕާ ސްޕްރޭ ބޭނުންކޮށްފައެއް ނުވެއެވެ. އަދި ޝިލްޑުތަކުން މީހުންގެ ގައިގައި ޖަހައި، ކޮއްޕާ ހަދާފައެއް ނުވެއެވެ. ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ އެއްވުންތައް ރޫޅާލުމަށް އަންގާރަ ދުވަހު ފުލުހުން ނަސޭހަތްތެރިވި ގޮތުގެ ސަބަބުން ގިނަ ބަޔަކު ވަނީ ފުލުހުން އެންގި ގޮތަށް ކިޔަމަންވެ، މުޒާހަރާ ކުރި ސަރަހައްދުތައް ދޫކޮށް ގޮސްފައެވެ. އެގޮތުން ހަރުގެ ސަރަހައްދަށް އަންގާރަ ދުވަހުގެ ރޭ އެއްވި މީހުން ދުރަށް ޖެއްސުމަށް ފުލުހުން މަސައްކަތް ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެތަނަށް އެއްވި މީހުން ވަނީ އެ ސަރަހައްދު ދޫކޮށް ގޮސްފައެވެ.
ދެ ވަނަ ފަހަރަށް މުޒާހަރާގެ ބައިވެރިން ހަރުގެ ސަރަހައްދަށް އެއްވާން މަސައްކަތް ކުރުމުގެ ބަދަލުގައި މަސައްކަތްކޮށްފައި ވަނީ ޗާންދަނީ މަގާއި މަޖީދީމަގާ ގުޅޭ ހަތަރު އަނގޮޅި ކަންމައްޗަށް އެއްވުމަށެވެ. ނަމަވެސް އެތަނުން މުޒާހަރާގެ ބައިވެރިން ދުރަށް ޖެއްސުމުން ކުނޫޒު ސަރަހައްދަށް އެއްވެސް މުޒާހަރާ ކުރަން އުޅުމުން ވެސް ފުލުހުން ވަނީ މުޒާހަރާ ކުރިއަށް ގެންދިއުމަށް ހުރަސް އަޅާފައެވެ. ފުލުހުންގެ ހުރަސް އެޅުންތަކާއެކުގައި ވެސް އަންގާރަ ދުވަހުގެ ރޭ ދަންވަންދެން މުޒާހަރާގެ ބައިވެރިން މާލޭގެ އެކި ސަރަހައްދުތަކަށް އެއްވާން މަސައްކަތް ކުރިއެވެ.
ސިލްސިލާ މުޒާހަރާތައް އިތުރުވެ، މުޅި ރާއްޖޭގައި މުޒާހަރާތައް ކުރިއަށް ގެންދަން ފަށާފައި ވަނިކޮށް، ފުލުހުން އިންޒާރު ދީފައި ވަނީ ރޭގަނޑު 10:30ގެ ފަހުން މުޒާހަރާތަކާއި ސިޔާސީ ހަރަކާތް ކުރިއަށް ނުގެންދެވޭނެ ކަމަށެވެ. އެ އިންޒާރާއެކު ކޮންމެ ރެއެއްގެ 10:30ގެ ފަހުން ކުނޫޒާއި ހަރުގެ ހިމެނޭ ސަރަހައްދު ފުލުހުން ދަނީ ފޯރިމަރަައި އެ ސަރަހައްދުގައި ސިޔާސީ ހަރަކާތް ނުހިންގޭނެ ގޮތް ހަދަމުންނެވެ.