އިންޑިއާއިން ގިނަ ޤައުމުތަކަކާއި ގުޅިގެން ބޭއްވި ކަނޑުގެ އަސްކަރީ ތަމްރީންތަކުގައި ރާއްޖެއިން ބައިވެރިނުވީ މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ސަބަބުންކަމަށް ސަރުކާރުން ބުނެފިއެވެ.
ދިއްލީގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ނެރުނު ބަޔާނެއްގައި ދިވެހި ސަރުކާރުން ބުނީ، މިވަގުތަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިއުލާންކޮށްފައިވާ ވަގުތެއްކަމުން، ސަލާމަތީ ޚިދުމަތްތަކުން ތައްޔާރީ ޙާލަތެއްގައި މިވަގުތު ތިބެން ޖެހޭކަމަށެވެ. އަދި ދިވެހި ސިފައިން މި ތަމްރީންތަކުގައި ބައިވެރިވަނީ ހަމައެކަނި އޮބްޒާވަރުންގެ ހައިސިއްޔަތުންކަމަށް އެބަޔާނުގައިވެއެވެ.
މީގެ އިތުރުން، މިފަދަ ޙާލަތްތަކުގައި ތަމްރީންތަކުގައި ބައިވެރިވުމަށް ދިވެހި ސިފައިން ބޭރަށް ނުފޮނުވާކަމަށާއި، އިންޑިއާގެ އަސްކަރީ ތަމްރީންތަކުގައިވެސް ބައިވެރިނުވީ އެ އުޞޫލުގެ ދަށުންކަމަށްވެސް އެބަޔާނުގައިވެއެވެ.
ސަރުކާރުން ބުނީ ރާއްޖެއާއި އިންޑިއާ އާއި ދެމެދު އަސްކަރީ ގޮތުންވެސް އޮތީ ވަރަށް ގާތް ގުޅުމެއް ކަމަށެވެ. އަދި އެގުޅުން އަބަދުވެސް ދެމި އޮންނާނެކަމަށް ސަރުކާރުން ބުނެއެވެ.
އިންޑިއާގެ އެންޑަމަން އެންޑް ނިކޮބަރ އައިލެންޑްސްގައި ބާއްވާ މި އަސްކަރީ ތަމްރީންތަކުގައި އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގެ 16 ޤައުމަކުން ބައިވެރިވެއެވެ.
ރާއްޖެއާއި އިންޑިއާ އާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކަމަށް ސަރުކާރުން ދައްކަން މަސައްކަތްކުރިނަމަވެސް، މިހާރު އިއުލާންކޮށްފައިވާ ސްޓޭޓް އޮފް އިމަޖަންސީގެ ސަބަބުންނާއި، ސުޕްރީމް ކޯޓުން ފެބްރުއަރީ އެއްވަނަ ދުވަހު ނެރުނު އަމުރަށް ސަރުކާރުން ކިޔަމަންތެރިވެފައި ނުވާތީ، އިންޑިއާއިން ވަނީ ގިނަ އަދަދެއްގެ ސްޓޭޓްމަންޓް ތަކެއް ނެރެފައެވެ. އަދި އިންޑިއާއިން އިސް ނަގައިގެން ބާއްވާ އަސްކަރީ ތަމްރީންތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އިންޑިއާގެ ކަނޑުގެ ސިފައިންގެ ވެރިޔާ އެޑްމިރަލް ސުނިލް ލަމްބާ ވިދާޅުވީ އަސްކަރީ ތަމްރީންތަކުގައި ބައިވެރިވުމަށް ރާއްޖެއަށް ދައުވަތު ދިންކަމަށާއި، އެހެން ނަމަވެސް ރާއްޖެއިން ދައުވަތު ޤަބޫލުކޮށްފައި ނުވާކަމަށެވެ.