ރައީސް އަބްދުﷲ ޔާމިންއާއެކު މިރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާ، ފުލުހުންގެ ނިންމުމާ ހިލާފަށް 10:30 ފަހުން ވެސް ކުރިއަށް ގެންގޮސްފި އެވެ.
ވެސްޓް ޕާކް ކެފޭ ހުރި ސަރަހައްދުގައި ބޭއްވި ޖަލްސާގައި ރައީސް ޔާމިން ބައިވެވަޑައިގެން 10:30 އާ ވަރަށް ކައިރިވަންދެން ވާހަކަފުޅު ދެއްކެވި އެވެ.
ސިޔާސީ ހަރަކާތްތަކާއި އެއްވުންތަކާއި މުޒާހަރާތަކަށް 10:30 ގެ ފަހުން ޖާގަ ނުދޭނެ ކަމަށް ބުނެފައި އޮތަސް، ފުލުހުން ކަނޑައަޅާފައިވާ ވަގުތު ހަމަވިއިރު ދުއާކޮށްވެސް ނުނިމެ އެވެ. ދުއާގެ ފަހުން 10:34 ގައި ޖަލްސާ ނިންމާލީ ގައުމީ ސަލާމްވެސް ކިޔުމަށް ފަހު އެވެ.
ރައީސް ޔާމީން ބައިވެރިވެވަޑައިގެންނެވި
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ ރޭގަނޑު 10:30 ގެ ފަހުން ސިޔާސީ އެއްވުން ބޭއްވުމަކީ އެދުވަހުން ފެށިގެން މަނާކަމެއް ކަމަށެވެ.
ފުލުހުން ބޭއްވި ނިއުސް ކޮންފަރެންސްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ރޭގަނޑު 10:30 ގެ ފަހުން މަގުމަތީގަ އާއި ސިޔާސީ ޕާޓީތަކުގެ ޖަގަހަތަކަށް މީހުން އެއްވެ ހިންގާ ހަރަކާތްތައް ހުއްޓުވާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
އަދި ހަމަ އެދުވަހު ޕީޕީއެމުން ބުނީ ރޭގަނޑު 10:30 އިން ފެށިގެން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ނޯންނާނެ ކަމަށެވެ.