މިމަހުގެ 22 ވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން އެއްވުމުގެ ބައިވެރިންނަށް މާސްކް ބެހި މައްސަލާގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ފުލުހުން ސުވާލު ކޮށްފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން މަހްލޫފްގެ ޤާނޫނީ ވަކީލް ނާޒިމް ޢަބްދުއް ސައްތާރު ވިދާޅުވީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވާ މަހުލޫފާ ފުލުހުން ސުވާލު ކޮށްފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމަށް ބުނެ ކަމަށާއި އަދި އެއްވުން މަނާ ސަރަހައްދަކަށް އެއްވެ މާލެ ތެރޭގައި ހަމަނުޖެހުން ހިންގާފައިވާ ކަމަށް ބުނެ ކަމަށެވެ. އަދި ޢާއްމު ޓްރެފިކަށް ހުރަސްއެޅި ކަމަށް ބުނެފައިވާ ކަމަށެވެ.
ނަމަވެސް ޓްރެފިކަށް ގެއްލުންވާ ގޮތަށް މަހްލޫފް ޢަމަލް ކޮށްފައި ނުވާނެ ކަމަށާއި މަހްލޫފް ހުންނެވީ ވެސް އަދި ހައްޔަރުކުރީ ވެސް އެމްޑީޕީ ހަރުގެ ތެރޭގައި ހުންނަވަނިކޮށް ކަމަށް ދަންނަވާފައި ވާކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހަމަނުޖެހުން ހިންގުމަށް މީހުންނަށް ހިތްވަރުދިން ކަމަށް ބުނާ ބުނުމަށް މަހްލޫފް އިންކާރު ކުރެއްވި ކަމަށާއި އިންކާރު ކުރެއްވުމުން، ދެއްވަން ވިދާޅުވި ހަދިޔާއަކީ ކޮބައިތޯ މަހްލޫފާ ސުވާލު ކޮށްފައިވާ ކަމަށެވެ.
ނާޒިމް ވިދާޅުވީ ހަދިޔާއަކީ މާސްކް ބެހުން ކަމަށް މަހްލޫފް ވިދާޅުވި ކަމަށާއި އެއާ އެކު މާސްކް ބަހާފައި ވަނީ ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމަށް ކަމަށް ފުލުހުން ތުހުމަތު ކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނަމަވެސް މާސްކު ބަހާފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމަށް ނޫން ކަމަށް މަހުލޫފު ވިދާޅުވި ކަމަށް މަހުލޫފްގެ ވަކީލް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މަހްލޫފް ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިންތޯ ނުވަތަ އެހެން ގޮތަކުންތޯ ކަށަވަރު ނުވާ ކަމަށެވެ. ސަބަބަކީ ހައްޔަރުކުރުމުގެ އިޖުރާޢަތްތައް ފުރިހަމަކޮށްފައިވާ ގޮތުން ކަމަށް ނާޒިމް ވިދާޅުވިއެވެ.